ސިނަމާލެ ބްރިޖު ހައިވޭގައި މިދިޔަ ހުކުރު ދުވަހު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އިންޓެންސިވް ކެއާ ޔުނިޓް(އައިސީޔޫ)ގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އެމީހާ ވެންޓިލޭޓަރުން ނަގާފައި ވަނީ އިއްޔެ ކަމަށެވެ.

އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 40 އަހަރަށް ވުރެ ބޮޑު ފިރިހެނަކަށް ކަމަށާއި އޭނާއަށް އަދިވެސް ފަރުވާދެމުން ގެންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގައި އެކްސިޑެންޓުވި ކާރަށާއި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.

ފުލުހުން އެ އެކްސިޑެންޓް ތަހުގީގު ކުރަމުން ދާއިރު މީގެ ކުރިން ވެސް ވަރަށް ގިނަ ނުރައްކާތެރި އެކްސިޑެންޓްތަކެއް ބްރިޖާއި ހައިވޭ މަތީގައި ވަނީ ހިނގާފައެވެ. އެގޮތުން ދާދިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު ވަނީ މަރުވެސް ވެފައެވެ.