ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާ ޕާޓީއެއް އުފެއްދުމަށްޓަކައި ހުށަހެޅުއްވުމުން މިއަދު އިލެކްޝަން ކޮމިޝަނުން ހުއްދަދީފިފިއެވެ.

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ހެދުމަށް ހަމަޖެހިފައިވާ އާ ޕާޓީ އުފެއްދުމަށް ހުއްދަ ނެގިއިރު ޖާބިރު މިއަދު ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު ކަމުންނާއި މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ޖާބިރު އިސްތިއުފާ ދެއްވިއިރު ޑީއާރްޕީ އުވާލަން މިދިޔަ މަހު އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެޕާޓީ އުވާލަން އެ ކޮމިޝަނުން ނިންމީ، ޤާނޫނުގައި ބަޔާންކުރާ އަދަދަށް ޕާޓީގައި މެންބަރުން ހަމަނުވުމުންނެވެ. ސިޔާސީ ގާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގުމަށްޓަކައި މަދުވެގެން 3000 މެންބަރުން ހަމަވާންޖެހެއެވެ.

ޖުލައި 21، 2005 ގައި ރަޖިސްޓްރީ ކުރި ޑީއާރުޕީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީ، މައުމޫންގެ ވެރިކަން ބަދުވުމަށްފަހު ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދި ބައިބައިވެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުވެފައި ވެއެވެ. އެއަށްފަހު ލީޑާޝިޕްއާ ހަވާލުވީ އަހްމަދު ތަސްމީން އަލީއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ތަސްމީން ވެސް ވަނީ ޑީއާރްޕީން ވަކިވެޑައިގެންފައެވެ. މީގެ އިތުރުން މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ އެ ޕާޓީގެ ލީޑާޝިޕާ ހަވާލުވެވަޑައިގެންފައެވެ.

ޑީއާރުޕީގެ ދަރަނި އިންތިހާއަށް އުފުލިފަވީއިރު، ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމަކަށްވީ ނަމަވެސް އެޕާޓީން ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތެއް ބަޔާންކޮށްފައެއް ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެފައިވެއެވެ.

2019 ވަނަ އަހަރު ޖާބިރު ޑީއާރްޕީގެ ލީޑާޝިޕްއާ ހަވާލުވެފައިވާއިރު، އެ ޕާޓީ އުވާލައިފިނަމަ އިތުރު ސިޔާސީ ޕާޓީއެއް އުފައްދަވާނޭ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.