ބޭސް ފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދު ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.

ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީން އާންމުންނަށް ލިބޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ވަކި ގައުމަކާ މެދު ފާޅުކުރާ ހިޔާލަކާ ގުޅިގެން ޒާތީ ގޮތެއްގައި އެ ގައުމަކުން ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި، އެފަދަ ގައުމުތަކުން ފިޔަވަޅު އަޅާއިރު، ދިވެހިންގެ ހައްގުތައް ކަށަވަރުކޮށް، ރައްކާތެރިކުރުމަށް ފިޔަވަޅުތައް ނޭޅުމަކީ ސަރުކާރުން ގާނޫނުއަސާސީ އަށާއި އާންމުންނަށް ހިޔާނާތްތެރިވުމެވެ

ކުއްލި މައްސަލަ ހުށަހަޅުއްވައި ޝިޔާމް ފާހަގަކުތެއްވި ގޮތުގައި، އެފަދަ ކަންކަމާ މެދު ފިޔަވަޅު ނޭޅިއްޖެ ނަމަ:

  • ރާއްޖެ އާއި ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭނެ
  • އެ ނަފްރަތުގެ ޖަޒުބާތުގައި ގޯސް ކަންކަން ހިނގައި ދިއުމުގެ ފުރުސަތު އެބައޮތް

ހަމަ އެފަދައިން ވަކި ގައުމަކާ މެދު ހިޔާލު ފާޅުކުރާ ވަކިވަކި ދިވެހިންނަށް އަމާޒުކޮށް އަދަބު ދޭން ފަށައިފިނަމަ، އެކަމުގެ ސަބަބުން ގާނޫނުއަސާސީން ދިވެހިންނަށް ލިބިދޭ ހައްގުތައް އުނިވެ، ގާނޫނުއަސާސީން ލިބޭ ހައްގުތައް ބޭނުންކުރުމާއި ނުކުރުމުގެ އިހްތިޔާރު އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން، ޝިޔާމް ސަރުކާރަށް ގޮވާލައްވާފައި ވަނީ ވަކި ގައުމަކާ މެދު ފާޅުކުރާ ހިޔާލަކާ ގުޅިގެން ވަކިވަކި ދިވެހިންނަށް އަމާޒުކޮށް، ޒާތީގޮތުން އަދަބު ދިނުން ހުއްޓުވައި، ޑިޕްލޮމަޓިކް އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅައި، ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިންނަށް ވީތީ ދައުލަތުްން ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށެވެ

އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ދަރިފުޅުގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގިފައިވާ އިރު، އަނބިދަރީންނަށް ވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައި ކަމަށް ޕީޕީއެމުން ބުނެއެވެ.

އެ ޕާޓީން ވަނީ، އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރުކުރުން އެއީ އެ ގައުމުގެ ސިފައިން ރާއްޖޭން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިހްތިޖާޖުގައި އަޑުއުފުލަމުން ދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ މައްސަލަ ބަލަމުންދާ ކަމަށާއި އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ސާފު ކުރަމުންދާ ކަމަށެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވާ އަދި އިންޑިއާ އާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައި ވެސް ވެއެވެ.