މިދިޔަ ހޯމަދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރަށް ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގަ އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 2،000 އަށްވުރެ ގިނަ މީހުންނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކެއްކި ތާޒާ ހޫނު ކާނާ ފޯރުކޮށްދީފިއެވެ.

އައިއޭސީ އިން ބުނީ ދިވެހިންގެ ފަރާތުން ލިބިގެންދާ އެހީއާއެކު ކުރެވިގެން ދާނެ އެންމެ މުހިންމު އެއް ކަމަކީ ހާލުގައި ޖެހިފައި ތިބި ފަރާތްތައް ބަނޑުހައިހޫނު ކަމުން ސަލާމަތް ކުރުމަށްޓަކައި ކާބޯތަކެތި ތައްޔާރުކޮށް ހޫނު ކޮށް ތާޒާކޮށް އެފަރާތްތަކަށް ދިނުން ކަމުގައެވެ. މިވަގުތު ވެސް އެހީތެރިކަން ނުނަހު ބޭނުންކަން ފާހަގަކޮށް އައިއޭސީއިން ވަނީ ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް؛

ބީއެމްއެލް އިސްލާމިކް

  • އެކައުންޓް ނަމްބަރު: 7770000062741
  • އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
  • އެކައުންޓް ލޭބަލް: IAC | EMERGENCY

މި ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް އައިއޭސީގެ ޓީމެއް ދަނީ ތުރުކީ އަދި ސީރިއާގައި ހަރަކާތްތެރި ވަމުންނެވެ. އެގޮތުން ކިލިސް ގައި ހުންނަ ޕާޓްނާ ޖަމިއްޔާ ކަމަށްވާ އީހާހާ ގެ ލޮޖިސްޓިކް ސެންޓަރުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް އެ ޓީމުން މިއަދުވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

ދިވެހިން ފޯރުކޮށް ދީ އެހީގެ ދަށުން ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ކާނާ ފޯރުކޮށް ދެނީ / ފޮޓޯ: އައިއޭސީ

މި ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 29،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދިވެހިންގެ ނަމުގައި 1،000،000 މަސްދަޅު ސީރިއާ އަދި ތުރުކީއަށް ހަދިޔާ ކުރަން ނިންމަވާފައެވެ.

މި ބިންހެލުމުގެ އަސަރު އެތައް މޭލެއްގެ ދުރަށް ކޮށްފައި ވާއިރު، އިމާރާތްތައް ވެއްޓި ފުނޑުފުނޑުވެ އެތައްބަޔަކު އަދިވެސް ވަނީ ގާކުނޑިތަކުގެ ދަށުގައެވެ. އދ އިން ލަފާކުރާ ގޮތުގައި ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު ބައި ލައްކައަށް އަރާނެއެވެ.

އައިއޭސީ އިން މީގެ ކުރިން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ. އެ ގޮތުން ޔަމަން އާއި ފަލަސްތީނާއި، ސްރީލަންކާގެ ރައްޔިތުންނަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް އެއިޑް ކެމްޕެއިން މެދުވެރިކޮށް އެހީ ފޯރުކޮށް ދިނުމުގައި ބައިވެރިވާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ހުޅުވާލައެވެ. ކޮންމެ ފަހަރަކުވެސް އެތައް ބައިވަރު ދިވެހިން ވަނީ އެހީ ދިނުމުގައި ބައިވެރިވެފައެވެ. މިއީ ދިވެހިންގެ މެދުގައި އެކަކު އަނެއްކަކަށް އެހީތެރިވުމުގެ ޖޯޝާއި އިންސާނިއްޔަތުކަން އޮތްކަން ދައްކުވައިދޭ ހެއްކެކެވެ.