އެޗްޑީސީ އާއި ހިޔާ ކޮމިނިއުޓީތައް ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ބީޗް ސަރަހައްދުގެ އިތުރުން ފަޅު ތެރެ ސާފުކުރުމުގެ އިވެންޓެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި އިވެންޓްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވަށައިގެންވާ މާހައުލަކީ ސާފު ހިތްގައިމު މާހައުލަކަށް ހެދުން ކަމުގައި އެޗްޑީސީން ބުނެއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްގެ އިތުރުން ހިޔާ ފްލެޓް ތަކުގެ ދިރިއުޅޭ ގިނަ އަދަދެއްގެ އާންމުން މި އިވެންޓްގައި ބައިވެރި ވި އިރު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޑީސީ އިން މައުލޫމާތު ދިނެވެ.

އެޗްޑީސީ އާއި ހިޔާ ކޮމިއުނިޓީތައް ގުޅިގެން ހިޔާ ބީޗް ސާފުކުރި އިވެންޓްގެ ތެރެއިން

އަދި ހުުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އައުމާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އަދި މި ނޫންވެސް އެހެނިހެން ހިދުމަތްތަކެއް އެޗްޑީސީން ފޯރުކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ފާހަގަ ކުރިއެވެ.

އެގޮތުން ދާދި ފަހުން ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށް ގެންދެވޭ މަޝްރޫއުގައި ކުޑަކުދިން ކުޅޭނެ ގިނަ އާ ސާމާނުތައް ބަހައްޓައި، އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު އެޗްޑީސީގެ ފަރާތުން ހަމަޖައްސައި ދީފައެވެ.