ސިނަމާލެ ބްރިޖު ހައިވޭގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 40 އަހަރަށް ވުރެ ބޮޑު ފިރިހެނަކަށް ކަމަށާއި އޭނާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ހާދިސާގައި އެކްސިޑެންޓުވި ކާރަށާއި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.

ފުލުހުން އެ އެކްސިޑެންޓް ތަހުގީގު ކުރަމުން ދާއިރު މީގެ ކުރިން ވެސް ވަރަށް ގިނަ ނުރައްކާތެރި އެކްސިޑެންޓްތަކެއް ބްރިޖާއި ހައިވޭ މަތީގައި ވަނީ ހިނގާފައެވެ. އެގޮތުން ދާދިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު ވަނީ މަރުވެސް ވެފައެވެ.