ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައި ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާން ހުއްދަ ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓް ބާއްވާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ނައިޓް މާކެޓް ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމު އާދީއްތައިން ފެށިގެން ދޫކުރަމުން ދާނެ ކަމަށެވެ.

ނައިޓް މާކެޓް ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ސިޓީ ކައުންސިލްއިން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ދޫކުރާނެއެވެ. އަދި ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 އިން 13:30 ފޯމްތައް ބަލައިގަންނާނެއެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ކޮންމެ މީލާދީއާ އަހަރު ފެށޭ ދުވަހާއި އަހަރު ނިމޭ ދުވަހާއި މިނިވަން ދުވަހާއި ރޯދަމަސް ފެށޭ ދުވަސް އަދި އަޟްހާ އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

ސިޓީ ކައުންސިލުން ބުނީ ނައިޓު މާކެޓުގެ ހުއްދައަށް އެދި އެ ވިޔަފާރިއެއް ނުވަތަ ޖަމިއްޔާއެއްގެ ރަޖިސްޓްރީގެ މައުލޫމާތާއި ނައިޓު މާކެޓު ބާއްވަން ބޭނުންވާ މުއްދަތާއި މާކެޓު ބާއްވަން ބޭނުންވާ ތަނުގެ މައުލޫމާތު ވެސް ހިއްސާކުރަން ޖެހޭ ކަމަށެވެ.