އުކާލެވޭ ކުނި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުކޮށް ފޯރުކޮށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން ގަސްކާނާ ތައްޔާރުކުރުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ލުއި ފަސޭހަ އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 88 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު ނެގޭ ކުނިން ކައުންސިލަށް އާމްދަނީ ވެސް ލިބޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއް ކަމުގައެވެ.
މާލެ ސިޓީ ކައުންސިލްގެ މުނިސިޕަލް ކޮމެޓީގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ ގަސްކާނާ އުފެއްދުމުގެ މަގްސަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗާއި، ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ލުއިފަސޭހަ އަދި ހަރަދުކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ އުފެއްދުމާއި، އަދި ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި މާލެ ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީ ހޯދުންކަމަށެވެ.
މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ހުރިކަން ފާހަގަކޮށް މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެއްގައި މަސައްކަތް ކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި މި މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވާ ކަމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރަންޖެހޭނެ ކަމުގައި ހަސަން ވަހީދު ވިދާޅުވިއެވެ.
ހަސަން އިތުރަށް ވިދާޅުވީ ކުނި އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ގާއިމްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށާއި މި ކަމާއި ގުޅޭ އުސޫލެއް ވެސް ތައްޔާރުކުރަންޖެހޭ ކަމުގައެވެ. އަދި ރާއްޖޭން ބޭރުން ގެންނަ ގިނަ ގަސްކާނާ ތަކަކީ ކެމިކަލް ހިމެނޭ، ދިވެހި ރާއްޖޭގެ މާހައުލާއި ގުޅުން ކުޑަ ބާވަތްތަކެއް ކަމުގައިވާތީ ރައްޔިތުން ހޭލުންތެރި ކުރަންޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.