މިމަހު ހަވަ ވަނަ ދުވަހުގެ ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންޓަސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ފަހު ރެފްރީއަށް ހަމަލާދިން މައްސަލާގައި ގުރައިދޫ ސްކޫލް ޓީމު އެއް އަހަރަށް ސަސްޕެންޑުކޮށްފިއެވެ.
ކަލާފާނު ސްކޫލް އަތުން 2-1 އިން ގުރައިދޫ ސްކޫލް ބަލިވި އެ މެޗަށް ފަހު އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވަނީ މެޗުގެ ރެފްރީ އަށް ހަމަލާދީފައެވެ.
އެ މައްސަލައާ ގުޅިގެން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ މެޗުގެ ކުޅުން ނިމިފައިވަނިކޮށް ގުރައިދޫ ސްކޫލް ޓީމުގެ ކުޅުންތެރިންނާއި ޓީމަށް ސަޕޯޓު ކުރުމަށް ގަލޮޅު ދަނޑަށް ވަދެ ތިބި ސަޕޯޓަރުން މެޗުގެ ރެފްރީއާ މެދު ނުރުހުން ފާޅުކޮށް ހަމަލާދީފައިވާކަން އެނގެން އޮތް ކަމަށެވެ.
އެގޮތުން މި ފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވާ ކަމަށް އެބާޔަނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެފްއޭއެމުން ވަނީ ގުރައިދޫ ސްކޫލް ޓީމުގެ ތިން ކުޅުންތެރިއަކު އެ އިދާރާ އިން ރާވާ ހިންގާ އެންމެހާ މުބާރާތްތަކުން ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ވެސް ނިންމާފައެވެ.
ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ކަލާފާނު ސްކޫލާއި ގުރައިދޫ ސްކޫލެވެ. ރެފްރީއަށް ހަމަލާދީފައި ވަނީ ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ސަޕޯޓަކުން ކަމަށް މައުލޫމާތު ލިބިފައިވާއިރު ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރެފްރީއަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ވަނީ އަތުން ތަޅައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައެވެ. އަދި ދަނޑު ތެރޭގައި ރެފްރީ ފަހަތުން ދުވެފައި ގޮސް ރެފްރީ ޑްރެސިން ރޫމް ތެރެއަށް ވަތް ފަހުން ވެސް އެ ތަނުގެ ތެރެއަށް ވަންނަން ވަނީ މަސައްކަތް ކޮށްފައެވެ.
ރެފްރީއަށް ހަމަލާ ދިން މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. މިނިސްޓްރީން ވަނީ މިފަދަ އަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސް ކޮށްފައެވެ.
އެޑިއުކޭޝަނުން އިތުރަށް ބުނީ މިފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖްތިމާއީ އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި މިފަދަ މުބާރާތްތަކުގައި އެކި ހައިސިއްޔަތުން ބައިވެރިވާ ފަރާތްތަކުންގެ ކިބައިން ރިވެތި ނަމޫނާ ފެނިގެން ދިއުމަކީ އެޑިއުކޭޝަނުން އެދޭ ކަމެއް ކަމުގައެވެ.