ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލުގައި ބޭރުގެ ފަރާތްތަކަށް 99 އަހަރުގެ މުއްދަތަކަށް ބިން ދޫކުރަން ނިންމާފައި އޮތުމުން އުސޫލު އިސްލާހު ކުރަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ އެހެން ގައުމުތަކާ ހިލާފަށް ރާއްޖެއަކީ ބިން މަދު ގައުމެއް ކަމަށާއި ރާއްޖޭގެ ވިޔަފާރިތަކަށް މިހާރުވެސް ބިމުގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މީ ދެމެހެއްޓެނިވި ކަމެއް ނޫން ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ މިކަމުގެ ފަހަތުގައި ވަނީ ފްރޯޑް ބައެއް ކުންފުނިތައް ކަމުގައެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށައެޅުގެ ފުރުސަތު އިއްޔެ އެޗްޑީސީއިން ވަނީ ހުޅުވާލައިފައެވެ.

ތަފާތު 6 ބޮޑު މިނެއްގެ ޖުމްލަ 50 ޕްލޮޓް ތިލަފުށި ފޭސް 2 އިން ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ޕްލޮޓް ޓައިޕް، ޕްލޮޓް އަދަދު އަދި ޕްލޮޓްގެ ބޮޑުމިން

  • ޓައިޕް 1 ގެ 14 ޕޮލްޓް (އޭރިއާ ރޭންޖް- 2،500 އާ 4،999.99 އަކަފޫޓާ ދެމެދު)
  • ޓައިޕް 2 ގެ 20 ޕޮލްޓް (އޭރިއާ ރޭންޖް- 5،000 އާ 9،999.99 އަކަފޫޓާ ދެމެދު)
  • ޓައިޕް 3 ގެ 7 ޕޮލްޓް (އޭރިއާ ރޭންޖް- 10،000 އާ 14،999.99 އަކަފޫޓާ ދެމެދު)
  • ޓައިޕް 4 ގެ 7 ޕޮލްޓް (އޭރިއާ ރޭންޖް- 15،000 އާ 19،999.99 އަކަފޫޓާ ދެމެދު)
  • ޓައިޕް 5 ގެ 1 ޕޮލްޓް (އޭރިއާ ރޭންޖް- 20،000 އާ 29،999.99 އަކަފޫޓާ ދެމެދު)
  • ޓައިޕް 6 ގެ 1 ޕޮލްޓް (އޭރިއާ ރޭންޖް- 30،000 އާ 35،000 އަކަފޫޓާ ދެމެދު)

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލުގައި ބޭރުގެ ފަރާތްތަކަށް އެތަނުން ބިން ދޫކުރަން މުއްދަތެއްގެ ގޮތުގައި 99 އަހަރު ކަނޑައަޅާފައި ވުމުން މަޖިލީހަށް އިއްޔެ ޕީޕީއެމް ތަމްސީލު ކުރައްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލާފައެވެ.

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ނިންމާ އެޗްޑީސީން ކުރި އިއުލާނުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގައި ވަނީ އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި ބީލަމުގައި ދިވެހިން އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ ބިން ލިބޭނީ 99 އަހަރަށް ކުއްޔަށެވެ. މީގެ އިތުރަށް ބީލަމަށް ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމުގައި ވެސް ކަނޑައަޅާފައި ވެއެވެ.