ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ވެއްޓުނީ އިންތިޒާމުތައް ރަނގަޅު ނުވެގެން ކަމަށް އެމްޑީޕީއިން ބުނާނަމަ އެކަމާ ގުޅިގެން ހަދާފައިވާ ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓު ދައުލަތުގެ މުއައްސަސާތަކުން އަލުން ދިރާސާކުރަން ޖެހޭ ކަމަށް ޕީޕިއެމްގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ 11 އަހަރު މިއަދަށް ފުރުމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ބަހުސްއެއްގައެވެ.

އެފަދައިން އެމްޑީޕީ މީހުން ބުނާނަމަ ކޯނީ ރިޕޯޓް ފުރިހަމަ ނޫން ކަމަށާއި މި މައްސަލަ ބަލަން ލަސްނުވާ ކަމަށެވެ. އަދި 7 ފެބްރުއަރީގައި ރާއްޖޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެތައް ކަމެއް ހިނގާފައިވާ ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ކަންކަން ރަނގަޅަށް ދިރާސާ ނުކުރާކަމުގައި ވާނަމަ ދުވަހަކު ވެސް އެ ސަގާފަތަކީ ބަދަލުވާނެ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އުފެއްދި ކޮމިޝަނުން ކޯނީ ރިޕޯޓްގައި ނިންމާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ނޫން ކަމުގައެވެ. ނަމަވެސް އާދަމް ޝަރީފް ވިދާޅުވީ ކޯނީ ރިޕޯޓުގައި މިހެން އޮތް ވޭތުވެ ދިޔަ 11 އަހަރު އެމްޑީޕީން ގަބޫލު ކުރަނީީ ވެރިކަން ވެއްޓުނީ ބާގާވާތަކުން ކަމުގައި ކަމަށެވެ.

ނިމި ދިޔަ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދުއަށް ވެރިކަން ނުކުރެވިގެން ދޫކޮށްލީއޭ ބުނަމުން ދިޔަކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ބަގާވަތް ކުރުމުގެ ތާރީހެއް އެބައޮތް ކަމަށެވެ. އަދި ވެރިކަން ބަދަލުވީ ރައީސް ނަޝީދަށް އެމްޑީޕީ ތެރެއިން ރޭވިގެން ދިޔަ ބަގާވާތަކުން ނުވަތަ އެމްޑީޕީ ތެރެއިން ދިމާވި ގޮންޖެހުންތަކާ އެކީގައި ހިނގައިދިޔަ ކަމަކުންތޯ ބެލުމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގި ހަމަނުޖެހުން ކުރިއަށް ދިޔަ ސަރަހައްދުގައި އެމްޑީޕީގެ ސަޕޯޓަރުން---

ރައީސް ނަޝީދަށް މިހާ ބޮޑެތި ގޮންޖެހުން ކުރިމަތިވެ، އެމްޑީޕީއިން ރައީސް ނަޝީދު އެހާ ބޮޑަށް އެކަހެރި ކުރުމުގެ ވިސްނުމެއް ގެންގުޅުމާއެކު އެންމެ ފަހުން ވަކި ފިކުރެއް ދިރުވާ ހިސާބަށް މި ދިޔައީ ހަގީގަތުގައި ކީއްވެތޯ ދިވެހި ރައްޔިތުން ބަލަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިހާރު ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި އިތުރު ގޮތްޕެއް ހެދުމުގެ މަަސައްކަތްފުޅު ކުރައްވަމުންނެވެ.