އޮންލައިން ނޫސް "ވަގުތު"ގެ ނޫސްވެރިޔަކު ލިޔުނު ރިޕޯޓަކާ ގުޅިގެން މަރުގެ އިންޒާރު ދީފައިވާ މައްސަލަ، ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ކުށްވެރިކޮށްފިއެވެ.

"ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދީފައިވަނީ އެ ނޫހުގެ ނޫސްވެރިޔަކު އައްޑޫގެ ހަރުކަށި ފިކުރާ ގުޅޭ ގޮތުން ޑިސެމްބަރު 31، 2020 ގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން ކަމަށް އެނޫހުން ބުނެއެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ނޫހުން ބުނީ، އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ލިޔުމާ ގުޅިގެން ދޭތެރެ ދޭތެރެއިން މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ވެސް، އެ ބަޔާނުގައި ވެއެވެ.

އެކަން ކުށްވެރިކޮށް ރޭ ނެރުނު ބަޔާނެއްގައި އެމްޖޭއޭ އިން ބުނީ، މިއީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމަށާއި، "ވަގުތު"ގެ ނޫސްވެރިން ގަތުލުކުރުމަށް ގޮވާލައި ފޭސްބުކްގައި އާންމުންގެ މީހަކު ކުރި ކޮމެންޓަކީ މައްސަލައިގެ ސީރިއަސްކަން ހާމަވާ ކަމެއް ކަމަށެވެ. އެހެންވެ، ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަ ބެލުމަށް، އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މިނިވަން ނޫސްވެރިކަމަކަށްޓަކައި، ނޫސްވެރިންނަށް އިންޒާރުދީ އެ މީހުން ގަތުލުކުރުމަށް ގޮވާލާ މައްސަލަތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ބަލާ ފިޔަލަވަޅު އަޅަން ޖެހެއެވެ. އެ ޖަމިއްޔާގެ ކަންބޮޑުވުމަކީ އެކަށީގެންވާ ގޮތެއްގައި އެފަދަ މައްސަލަތައް ނުބެލި، ފިޔަވަޅު އެޅިފައި ނެތުމެވެ.

އެހެންކަމުން، "ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދިން މައްސަލައިގެ އިތުރުން، އެހެން ނޫސްވެރިންނަށް އިންޒާރުދިނުމުން ހުށަހަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ބަލައި، ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

"ވަގުތު"ގެ އިތުރުން، އޮންލައިން ނޫސް "މިހާރު"ގެ ބައެއް ނޫސްވެރިންނަށް ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތުން ފުރައްސާރަކުރާ މައްސަލައިގައި ވެސް އެމްޖޭއޭ އިން ވަނީ، އެ މައްސަލަތައް ވީހާވެސް އަވަހަށް ތަހްގީގު ކުރުމަށް ގޮވާލާ، މިދިޔަ މަހުވެސް ބަޔާނެއް ނެރެފައެވެ.