ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުތައް އިންތިހާއަށް ހަނިވާ ގޮތަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު (ގެގް އޯޑަރު) ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެމްޖޭއޭ އިން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، ކޯޓުން ނެރެފައިވާ އަމުރުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ފެތުރުމުގައާއި ހިޔާލުފާޅުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ގަބޫލުކުރެވޭތީއެވެ.

ނަމަވެސް، ހައިކޯޓުން މިއަދު ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. މި ނިންމުމާއެކު، ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރު އޮތް ގޮތަށް ދެމިއޮންނާނެއެވެ.

ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ 'އަދަދު' ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެ ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސައިން ފިޔާޒު މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި ގަޒްފުގެ ދައުވާތަކަކާ ގުޅިގެންނެވެ. މި އަމުރުގެ ދަށުން، އެ ޑޮކިއުމެންޓްރީ އާންމުކުރުމާއި، އޭގައިވާ މައުލޫމާތާމެދު ސީދާކޮށް ނުވަތަ ނުސީދާކޮށް ވާހަކަދެއްކުމާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގެ އިތުރުން ކޯޓުގެ ލިޔެކިޔުންތައް ހިއްސާކުރުން ވަނީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަނާކޮށްފައެވެ.

އެމްޖޭއޭ އިން ބުނީ، މިފަދަ އަމުރެއްގެ ސަބަބުން ދައުލަތުގެ އިސް ފަރާތްތަކަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫސްވެރިންނަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހަޅަމުން، އެމްޖޭއޭ އިން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އެދިފައެވެ. އެ ޖަމިއްޔާގެ އަމާޒަކީ ހައި ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަންދެން، ނޫސްވެރިންނަށް އެއްވެސް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުމެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލާފައެވެ. އެގޮތުން އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ސިފަކުރެއެވެ. ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމުރުތައް އިސްލާހުކުރުމަށް ނޫސްވެރިންގެ މުޖުތަމައުން ދަނީ ގޮވާލަމުންނެވެ.