މައިނޯރިޓީ ލީޑަރުގެ ބައިވެރިނުކޮށް ރިޔާސީ ބަޔާން އިއްވަން ގާނޫނު ތަން ނުދޭ ކަމަށް ރައްޔިތުން މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވިއިރު އިދިކޮޅުން ވަނީ އިހުތިޖާޖު ކޮށްފައެވެ. އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ ނަން އިއްވައި ތަޅުމުން ވަނީ ބޭރުވެސް ކޮށްފައެވެ. އެ މެންބަރުން ބޭރުކުރުމާއެކު ސަލީމާއި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްވެސް ނިކުމެވަޑައިގަތެވެ.

އެ ތިން މެންބަރުންގެ ނަން އިއްވާފައި ނުވި ނަމަވެސް މެދުކަނޑާލުމަށް ފަހު ޖަލްސާ ފެށުމުން ސަލީމާއި ޣައްސާން އަދި އާދަމް ޝަރީފް މަޖިލީހަށް ވަދެވަޑައިގަންނަން މަސައްކަތް ކުރެއްވުމުން ސެކިއުރިޓީން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ސަލީމް ވިދާޅުވީ އާދޭސް ކޮށްގެންވެސް އިދިކޮޅުގެ އެންމެ ތިން މެމްބަރުން މަޖިލީހަށް ނުވެއްދުމުން އެނގެނީ މި ސަރުކާރުގެ އެއްވެސް ގާބިލު ކަމެއް ނެތްކަން ކަމަށާއި އެމްޑީޕީއިން ޑިމޮކްރަސީގެ ވާހަކަދައްކާއިރު އެއީ ޑިމޮކްރަސީގެ ބައެއް ނޫން ކަމަށެވެ.

ހާއްސަކޮށް މައިނޯރިޓީ ލީޑަރާއި ޕާލިމަންޓަރީ ގްރޫޕުގެ ދެ ލީޑަރުން ނުވައްދަ ރިޔާސީ ބަޔާން އިއްވޭނެ އެއްވެސް ގޮތެއް ގާނޫނީ ގޮތުން ނޯންނާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖް ކުރަން ތިއްބައި ރިޔާސީ ބަޔާން އިއްވާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ހައެއްކަ މެންބަރުން ތިބީ، ކުރިން ރައީސް ވަހީދު، ރައީސް ޔާމީން ހުންނެވި އިރު ވެސް، މިއަށް ވުރެ އަދި މާ ހުތުރުކޮށް، މާ ހޫނުކޮށް، އެމްޑީޕީގެ ވިހިތިރީސް މެންބަރުން ވެސް އިހުތިޖާޖު ކުރި އިރު، އެއްވެސް މެންބަރަކު ބޭރުނުކޮށް ރިޔާސީ ބަޔާން އިއްވާފައިވޭ،"
ސަލީމް

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސީ ބަޔާނަށް ވާދަވެރި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޖަވާބެއް އިއްވަވަން ޖެހޭއިރު މީގެ ކުރިން ރައީސް ސޯލިހުގެ ހުރިހާ ރިޔާސީ ބަޔާނަކަށް ޖަވާބު އިއްވާފައިވަނީ ސަލީމެވެ.