ޓްރާންސްޕޯޓް މިނިސްޓްރީން، އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ފަހު މިއަދު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ލައިސަންސްގެ ހިދުމަތް ޑިޖިޓަލްކުރުމުގެ މައިގަނޑު މަގުސަދަކީ އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް ލުއިފަސޭހަކަމާއެކު އެ ހިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ.

މިއަދުން ފެށިގެން އަލަށް ލައިސަންސް ދޫކުރާއިރު ޑިޖިޓަލް ލައިސަންސް ކާޑު ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް ބޭނުންވާ މީހުންނަށް ކާޑު ޕްރިންޓުކޮށްދޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް ފަރުމާކުރެވުނު އާ ސޮފްޓްވެއާއެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ"އިން އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑިޖިޓަލް ލައިސަންސް ފެންނަން ހުންނާނެއެވެ. އަދި މުއްދަތު ހަމަނުވާ ކޮންމެ ލައިސަންސެއް ފުލުހުން ބަލައިގަންނާނެއެވެ.

އަލަށް ތައާރަފު ކުރެވުނު މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ.