ވިހެއުމުން ދޭ ދެ މަސް ދުވަހުގެ ޗުއްޓީއަށް ފަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު މަރިޔަމް ޝަމްއާ އިބްރާހިމް ވަޒީފާއަށް ނިކުތީ އަހަރީ ޗުއްޓިގެ 30 ދުވަސް ނެގެން އޮއްވާ އެ ޗުއްޓީއަށް ވެސް ނޭދި ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ބުނެފިއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިހެން ބުނީ، ވިހެއުމަށް ފަހު ދޭ ދެ މަސް ދުވަހުގެ ޗުއްޓީ އެ އިދާރާ އިން އިތުރުކޮށް ނުދޭ ކަމަށް ބުނެ، އޭނާގެ ދެ މަހުގެ ދަރިފުޅު ގޮވައިގެން ވަޒީފާއަށް ނިކުތް ވާހަކަ ސޯޝަލް މީޑިއާ އާއި އަދި ބައެއް މީޑީއާތަަކަށް މައުލޫމާތު ދީފައިވުވުންނެވެ. ޓްރައިބިއުނަލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިދާރާގެ މެންބަރަކު ތަނުގެ އިތުބާރު ގެއްލޭ ފަދަ މޭރުމަކުން މައުލޫމާތު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް ޝަމްއާ ބުންޏަސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ހައްގުވެ، އެއިން އެއްވެސް ޗުއްޓީއަކަށް ޝަމްއާ އެދިފައި ނުވާ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.

ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޝަމްއާ އަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެއީ މެންބަރެއްގެ ހައިސިއްޔަތުން ޝަމްއާ އަށް އެދެވަެނެ ކަމެއް ކަމަށް ޓަރައިބިއުނަލުން ބުނެއެވެ. ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް 2019ގެ މާޗް މަހުން ފެށިގެން އަންނަނީ މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ދެމުންނެވެ. ޓްރައިބިއުނަލަކީ މިނިވަން އިދާރާއަކަށް ވާތީ އެ ތަނުން އަމަލު ކުރާނެ ގޮތެއް ވަނީ މެންބަރުންގެ އިއްތިފާގުން ނިންމާފައި ކަމަށާއި އެ ކަން ނިންމީ ޝަމްއާގެ ވޯޓާއެކު ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.

ވަޒީފާގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ކުރިން، ޓްރައިބިއުނަލްގެ މެންބަރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑެއް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް، އޮގަސްޓް 25، 2021 ގައި ގެޒެޓުގައި ޝާއިއުކޮށްފައި ވާނެ ކަމަށް ޓްރައިބިއުނަލް އިން ބުނެއެވެ. އަދި ހުރިހާ އަންހެން މެންބަރުން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ނެގުމުން އިދާރާގެ މަސައްކަތަށް ބުރޫ އަރައި އާންމުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި އަސަރު ކުރާ ކަމަށް މެންބަރުންނަށް ގަބޫލުކުރެވޭތީ އެ އުސޫލު ފާސްކުރިއިރު ޝަމްއާ ހިމެނޭހެން ހުރިހާ މެންބަރުން ތާއިދު ކުރި ކަމަށް ވެސް ޓްރައިބިއުނަލުން ބުނެއެވެ.

މެޓާނިޓީ ލީވް އިތުރުކޮށް ދިނުމަށް އެދުނު ނަމަވެސް، އެ މުއްދަތު އިތުރުކުރުމުގެ ބާރެއް ޓްރައިބިއުނަލްގެ ރައީސަށް ލިބިވަޑައެއް ނުގަންނަވާ ކަމަށާއި ނަމަވެސް، ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީއާ ގުޅިގެން ދެވެން ހުރި ލުއިތައް ދެވޭނެކަން ޝަމްއާ އަށް އަންގާފައިވާނެ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ. މީގެ ކުރިން ވެސް ދިމާވި އެކި ހާލަތްތަކާ ގުޅިގެން ހާޒިރީއާ ގުޅޭ ކަންކަމުގައި ޝަމްއާ އަށް ލުއި ދީފައިވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެގޮތުން، ވަޒީފާއާ ބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައި ބުނާގޮތުން، ދަރިފުޅަށް އެއް އަހަރު ވަންދެން ކޮންމެ ދުވަހަކު ވެސް ދަރިފުޅު ކައިރިއަށް ދިއުމަށް 30 މިނެޓުގެ ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރަށް ލިބޭނެކަމަށް ބުނެއެވެ. ޝަމްއާ އަށް ގާނޫނުން ހައްގުވާ އެކި ހުސް ވަގުތުގެ ބޭނުން ހިފުމުން އޭނާ ދުވާލު މަސައްކަތް ކުރަން ޖެހޭނީ ތިން ގަޑިއިރާއި 30 މިނެޓަށް ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.

ހަމައެއާއެކު ޝަމްއާއަށް ގޭގައި މަސައްކަތް ކުރުމަށް ހުއްދަ ނުދިނީ ވަޒީފާއާ ބެހޭ ގާނޫނުގައި ޓްރައިބިއުނަލްގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ވަކި ހާއްސަ ހާލަތްތަކެއް އޮންނަ އިރު، އެ ހާލަތްތަކުގައި މައްސަލަ ބަލާ މެންބަރު ބަލިވުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީގައި ހުރުން ނުވަތަ ގޭގައި ހުރެގެން މައްސަލަތަކުގެ އަޑުއެހުންތަކުގައި ބައިވެރިވުމަށް ގާނޫނު ތަން ނުދޭތީ ކަމަށް ވެސް ޓްރައިބިއުނަލުން ބުނެއެވެ. މީގެ އިތުރުން އެ އިދާރާއަކީ ތުއްތުކުދިން ގެންގުޅުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ މާހައުލެއް ނޫޏް ކަމަށާއި އެހެންވެ، އެއްވެސް މެންބަރަކު އަދި މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި އޮފީހުގައި ބައިތިއްބާ ގޮތަށް ތުއްތުކުދިން އޮފީހަށް ނުގެންދިއުމަށް އިރުޝާދު ދީފައިވާނެ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.

ޝަމްއާ އެކި ގޮތްގޮތުން ލުއިތައް ދޭން މަސައްކަތް ކުރި ކަމަށް ޓަރައިބިއުނަލް އިން ބުނެފައިވާ އިރު، ޝަމްއާ ބުނެފައި ވަނީ، ވިހެއުމަށް ދިން ދެ މަހުގެ ޗުއްޓީ ހަމަވުމާ ގާތަށް ދިޔުމުން، ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ޓްރިބިއުނަލް އަށް ސިޓީއެއް ހުށަހެޅިނަމަވެސް ޖަވާބަކަށް ލިބުނީ، ޗުއްޓީ އިތުރަށް ދެވެން ނެތް ކަމަށާއި މުސާރަ ނުހިނގާ ގޮތަށް ގޭގައި ހުރެވިދާނެ ކަމަށެވެ. އެއަށްފަހު ރައީސް އޮފީހަށް ސިޓީއެއް ފޮނުވާ ޗުއްޓީ އިތުރު ކުރުމާ މެދު ލަފައަކަށް އެދުނެވެ. ރައީސް އޮފީހުން ދިން ޖަވާބަކީ، 'އިންޓާނަލީ' ނުވަތަ މުއައްސަސާއިން އަމިއްލައަށް އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށެވެ. ހަމަހުގެ ޗުއްޓީއެއް ދެވެން ނެތް ނަމައީ ހަތަރު މަހުގެ ޗުއްޓީއެއް ދިނުމަށް އެދި ދެވަނަ ސިޓީ ފޮނުވި ނަމަވެސް އެކަން ވެސް ހަމަނުޖެހުނު ކަމަށް ޝަމްއާ ވަނީ ބުނެފައެވެ