މަދަރުސީ ދައުރު ނިންމާލުމަށް ފަހު އޮފީސްތަކަށް ވަންނަ ބައެއް ދަރިވަރުން މަސައްކަތު މާހައުލަށް ތައްޔާރުވެފައި ނެތްކަން ފާހަގަކުރެވޭ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިންޓާންޝިޕް މެދުވެރިކޮށް ތަފާތު މަސައްކަތްތައް ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެން ދިޔަކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަދަރުސީ ދައުރު ނިންމައި، އޮފީސްތަކަށް ވަންނަ ބައެއް ދަރިވަރުން މަސައްކަތު މާހައުލަށް ފުރިހަމައަށް ތައްޔާރުވެފައެއް ނެތެވެ.

"އަޅުގަނޑުމެން އޮފީސްތަކުގަ މިހެން މަސައްކަތްކުރާއިރު ފާހަގަވާ އެއް ކަމަކީ މަދަރުސާ ނިންމައި ވަޒީފާ އަށް މި ދިޔަ ދަރިވަރުންގެ މަސައްކަތު މާހައުލަށް ތައްޔާރުވެފަ ނުވާކަން ހަގީގަތުގަ"
ޑރ. އައިޝަތު އަލީ | އެޑިއުކޭޝަން މިނިސްޓަރު

ސްކޫލަށް ގޮސް ދަރިވަރުން ކިޔަވާ ފޮތްތަކުން ލިބޭ މައުލޫމާތާއި ކްލާހުގައި ދަރިވަރުންނާ މަޝްވަރާކުރުން ފަދަ ފުރުސަތުތަކުގެ އިތުރުން، ސްކޫލް މާހައުލުގައި ދަރިވަރުން އުނގެނޭ އެއްޗެއް ބޭނުންކުރުމުގެ ފުރުސަތު ލިބެނީ މަދު ފަހަރަކު ކަމަށާއި، ނަމަވެސް އިންޓާންޝިޕްގެ ސަބަބުން ފުރުސަތުތައް ފަހިވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރު ވަނީ، ދަރިވަރުންނަށް އަމަލީ ހުނަރުތައް ދަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވެ، މަސައްކަތު މާހައުލުގައި ހިނގާ ކަންކަން ތަޖުރިބާކޮށްލާނެ ފުރުސަތު ލިބުމުގެ ސަބަބުން މަސައްކަތު މާހައުލުގައި އުޅެން ދަސްވެ، އެކިކަހަލަ ވިސްނުމުގެ މީހުންނާ ދިމާވެ، އަމިއްލަ މީހާ ބިނާކުރުމަށް އެހީތެރިކަމެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ކުއްޖެއްގެ ޝައުގު ހަގީގަތުގަ އެ ދާއިރާއަކަށް ހުރިތޯ ނެތްތޯ ބަލާލަން ޓެސްޓްކޮޮށްލަން ވެސް އެ ކުދިންނަށް ލިބޭ ބޮޑު ފުރުސަތެއް މިއީ،" މިނިސްޓަރު ވިދާޅުވިއެވެ.