2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ތަންފީޒު ކުރުމަށާއި ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފިނޭންސް މިނިސްޓްރީއިން ނިންމައިފިއެވެ.

ފިނޭންސުން އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ބުނީ މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް އެއްވެސް އާ މަޤާމެއް އުފައްދައިގެން ނުވާނެ ކަމަށާއި، ނެޝަނަލް ޕޭ ކޮމިޝަނުން ދިރާސާކުރުމަށް ފަހު މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑުތަކަށް ވެސް އެއްވެސް ބަދަލެއް ގެނެސްހެން ނުވާނެ ކަމަނެއެވެ. އަދި ބަޖެޓްގައި ހިމަނާ މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް މިނިސްޓްރީގެ ހުއްދަ ނެތި މި އަހަރުތެރޭގައި ދިނުންވެސް ވަނީ މަނާކޮށްފައެވެ.

މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުވައްޒަފުންގެ މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމުމުގެ އިތުރަށް ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މެނުވީ އިތުރުގަޑީގައި ނުކުރުމަށް ވެސް މި ސާކިއުލާގައި އަންގާފައި ވެއެވެ.

އަދި ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ކަނޑުމަގުންނާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ ތެރެއިން 35،000 ރުފިޔާއިން ދަށުގެ ދަތުރުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދިއުމަށާއި 35،000 ރުފޔާއިން މަތީގެ ދަތުރުތައް ކުރުމަށް މިނިސްޓްރީގެ ހުއްދަ ހޯދަން ވަސް ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރުމުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލާޝިޕް ސްކީމްތަކުގެ ބޭރުން، އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދިނުމަށް ނިންމާފައި ވާއިރު ކޮންމެހެން ކުރިޔަށް ގެންދަންޖެހޭ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން 5،000 ރުފިޔާ އަށްވުރެ ކުޑަ ތަމްރީނުތައް ވެސް ކުރިއަށް ގެންދެވޭނީ ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކުއެވެ. އަދި 5،000 ރުފިޔާއަށް ވުރެ މަތީގެ ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.

އޮފީސް ހިންގުމުގެ ބޭނުމަށް ކޮންމެހެން ހޯދާ ތަކެއްޗާއި ހިދުމަތްތައް، މަރާމާތުގެ މަސައްކަތްތައް އަދި ކެޕިޓަލް ހަރަދުތައް 35،000 ރުފިޔާއަށް ވުރެ ކުޑަނަމަ ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސާވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރިއަށް ގެންދިވުނު ނަމަވެސް 35،000 ރުފިޔާއަށްވުރެ މަތިވާނަމަ ކުރިއަށް ގެންދެވޭނީ މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.

މި ސާކިއުލާގައި ވަނީ ޕީއެސްއައިޕީ ގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރާން ވެސް ބުނެފައެވެ. އަދި އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތައް އަދި މަރާމާތަށް މިހާތަނަށް ހުއްދަ ދީފައިވާ މަސައްކަތްތަށް ފިޔަވައި ކުރިއަށް ގެންދާނީ މަރާމާތުގެ ހިދުމަތް ކުރިއަށް ގެންދަން ކޮންމެހެން ބޭނުންވާ ކަންކަނަ އެކަނި ކަމަށްވެސް ވެއެވެ.

ހަރަދުތައް ކުޑަކުރުމަށް އެކުލަވާލި މި އުސަުލަށް މިއަދުން ފެށިގެން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އަމަލަ ކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އަންގާފައެވެ. ނަމަވެސް ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2023ގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 42.8 ބިލިއަން ރުފިޔާއެވެ.