މާލެ އާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި މާދަމާ އިން ފެށިގެން ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާ ހަމައަށް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެިފައިވާ ކަމަށެވެ.

މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގެ އެކިއެކި ލޮކޭޝަންތަކުގައި މި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ސިފައިން ހަރަކާތްތެރި ވާނީ ހަތިޔާރާއެކު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މާލޭ ސަރަހައްދުގައި ސިފައިންގެ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މި މަހުގައި ވަނީ އައްޑޫ ސިޓީގައި ވެސް ސިފައިންގެ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ދޭތެރެ ދޭތެރެއިން ހަތިޔާރާ އެކު ސިފައިން މާލެއާއި އަދި މީހުން އުޅޭ ބައެއް ރަށްރަށުގައި ވެސް ތަމްރީން ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ. އެގޮތުން މާލޭގެ އިތުރުން ތ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި މިދިޔަ އަހަރު ވެސް ވަނީ ސިފައިން ހަތިޔާރާ އެކީ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފައެވެ.