އައްޑޫ ހިތަދޫގެ ރުއްޖެހެރަ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އެ ސަރަހައްދު ކޮނެ ފެންގަނޑެއް ހެދި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މިއަދު އީޕީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ރުއްޖެހެރަ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ކޮނެ ފެންގަނޑެއް ހެދި ކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ ބަލާފައި ވާކަމަށެވެ. އަދި އީޕީއޭ އިން ބެލިބެލުމުން 17،000 އަކަ މީޓަރުގެ ބިން ސާފުކޮށް، އަދި އެ ސަރަހައްދުން 1،700 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ހަދާފައި ވެއެވެ.

އެހެންކަމުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ބަދަލު ނެގުމުގެ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް 30.8 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން އައްޑޫ ސިޓީ ކައުންސިލަށް އަންގާފައި ވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް އަމަލުކުރާ އަމިއްލަ ފަރާތްތަކާއި ސަރުކާރު މުވައްސަސާތަކުގެ މައްސަލަ ބަލައި އެ ތަންތަން އީޕީއޭއިން ޖޫރިމަނާ ކޮށްފައި ވާއިރު މިއީ ދައުލަތުގެ އިދާރާއެއް މިހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

އައްޑޫ ރުއްޖެހެރައިގެ މި މަސައްކަތަކީ އައްޑޫގެ އަމިއްލަ ފަރާތެއްގެ އިސްނެގުމާއެކު ބީޓެކް ގްރޫޕާއި އައްޑޫސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.