4 ރަށެއްގެ އެއާޕޯޓް ތަރައްގީ ކުރުމަށް ބިޑް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 3 ބިޑެއް ލިބިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

ރެސްޓްރިކްޓެޑް ޓެންޑަރިންގެ ދަށުން އިއުލާން ކުރި މި މަޝްރޫއުތަކުގެ ބިޑް އިވެލުއޭޝަން ޕްރޮސެސް ޕްލޭނިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީ އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ހދ. މަކުނުދޫ، ށ. ބިލެއްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ކަމަށެވެ. މި އެއާޕޯޓްތައް ތަރައްގީ ކުރުމަށް ބިޑު ކުރުމަށް ހުޅުވާލައިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ ބ. ތުޅާދޫ، ށ. ބިލެއްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫގައި ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނުބިތުގައިވެސް އެއާޕޯޓް އެޅުމަށް ނިންމައި، އެތަންތަން އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައެވެ.

މި ހަ އެއާޕޯޓަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއް ކަމަށް އޭރު ބުނެފައި އޮތީ ފަސް މިލިއަން ޑޮލަރެވެ. ނަމަވެސް ފަހުން ކޮށްފައިވާ އިއުލާންގައި އެ އަދަދު ވަނީ ތިން މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

އެ އިއުލާނުގައިވާ ގޮތުން އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެއެވެ.