ދިވެހި ފިލްމު އިންޑަސްޓްރީގައި އުފެދުނު އެންމެ މަގްބޫލު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަލީ ސީޒަންގެ ކުރިއަށް އޮތް ފިލްމު "ލޯބިވެވިއްޖެ" އަކީ ކޮޕީ އެއް ކަމަށް ބުނަމުން ދަނިކޮށް އެކަން ދޮގުކޮށްފިއެވެ.
ދިވެހި ސިނަމާގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖުން ކުރި ޕޯސްޓެއްގައި ބުނީ ސީޒަން ގެ "ލޯބިވެވިއްޖެ" އަކީ 2017 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑް ފިލްމު "ބޭބީ ޑްރައިވާ" ގެ ކޮޕީއެއް ކަމަށެވެ. ފިލްމުގެ ޕޯސްޓަރު ވެސް ހަދާފައި އެވަނީ އެ ފިލްމުގެ ޕޯސްޓަރު ގޮތަށް ކަމަށާއި "ބޭބީ ޑްރައިވާ" އަކީ ކްރައިމް ތްރިލާ އެއް ކަމަށެވެ. އަދި ސީޒަންގެ ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައި ވާއިރު އެ ޓީޒާ އިން ވެސް ފެނިގެން ދަނީ ކްރައިމް ތްރިލާ ޖޯންރާގެ މަންޒަރުތަކެއް ކަމަށެވެ.
އެކަމާ ގުޅިގެން ސީޒަން އިންސްޓަގްރާމް ސްޓޯރީގައި ބުނީ ފިލްމު "ލޯބިވެވިއްޖެ" އަކީ އޮރިޖިނަލް ސްކްރީން ޕްލޭ އެއް ކަމަށާއި މި ވާހަކަ އަކީ އަހުމަދު ޒަޒީރުގެ ވާހަކައަކަށް ބިނާކޮށްފަެި ވާ ފިލްމެކެވެ. އަދި އެ ޕޭޖު ހިންގަނީ ކޮން ފަރާތެއް ތޯ ބެލުމަށް މަސައްކަތް ކުރާނެ ކަމަށާއި އެކަން އެގޮތަށް ކުރަނީ ކީއްވެ ކަން ވެސް ބަލާނެ ކަމަށް ސީޒަން ވަނީ ބުނެފައެވެ.
މާލޭގެ އިތުރުން ގދ. ތިނަދޫ، ސްރީލަންކާގެ ކޮލަމްބޯ އަދި ނުއަރަލިޔާ ގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ތިނަދޫގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރިން ކަމުގައިވާ އަލީ ސީޒަން، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) އެވެ.