އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމުން މި ވަގުތަށް ގައުމު ސަލާމަތްވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މަލިޖިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ދިވެހި ގައުމު މި ވަގުތަށް ސަލާމަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ކުރަން ހުރި މަސައްކަތްތައް އަދި ކުރިއަށް އޮތީ ކަމަށް މަވޯޓާ ފާހަގަ ކުރެއްވިއެވެ. މަވޯޓާ އެހެން އެ ވިދާޅުވީ، އިންތިހާބުގައި ރައީސް ނަޝީދު ބަލި ކުރެވުމުންނެވެ.

ނިމިދިޔަ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ޝަރީފް ވަނީ ސީދާ ގޮތުން ނަޝީދަށް ފާޑުވިދާޅުވެ، ތަރައްގީގެ އެތައް މަސައްކަތެއް ހުއްޓުވި ކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

މީގެ އިތުރުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ ފުރައްސާރަ އާއި އުނދަގޫތައް ގިރާކޮށް ރައީސް ސޯލިހު މަރަދޫ ދާއިރާގެ ކެމްޕެއިންގައި ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ހައްގު ޝުކުރު އަދާކުރައްވާ ކަމަށް ވެސް މަވޯޓާ ވިދާޅުވިއެވެ.

ޕްރައިމަރީގެ މަރަދޫ ދާއިރާގެ ވަގުތީ ނަތީޖާ އަށް ބަލާ އިރު، ނަޝީދަށް 286 ވޯޓު ލިބިވަޑައިގެންނެ ވިއިރު ރައީސް ސޯލިހަށް މަރަދޫން ލިބިވަޑައިގަތީ 276 ވޯޓެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 61.10 ޕަސަންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ 38.90 ޕަސަންޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާއިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސަންޓެވެ.

ރިޔާސީ ޕްރަައިމަރީގެ ކާމިޔާބު ފާހަގަކުރަން ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ އެންމެން އެކުގައި ނިކުމެ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.