މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަށް ވުރެ ވޯޓު ލީ މީހުން ގިނަވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވޯޓުލުން މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައި ވާއިރު މި އިންތިހާބުގައި 57،255 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ނަމަވެސް ވޯޓު ހައްގުވާ މީހުންގެ ޖުމްލަ އަދަދަށްވުރެ މާގިނައިން ވޯޓު އަޅާފައިހުރި ގިނަ ފޮށިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ވޯޓުގެ ނަތީޖާ ޝީޓުގައި ޖަހާފައި އޮންނަ އަދަދަށްވުރެ ގިނަ ވޯޓު ފޮށީގައި ހުރެގެން ނުވާނެ ކަމަށާއި ކޮންމެ ފޮއްޓެއްގެ ނަތީޖާ ޝީޓުގައި ހުރި އަދަދުތައް ދިމާނުވާނަމަ އެ ޝީޓަކީ ބާތިލު ޝީޓެއް ކަމަށެވެ. ނަޝިދު ވިދާޅުވި ގޮތުގައިވަރަށް ގިނަ ފޮށިތައް ބާތިލެވެ.

ވޯޓު ނަތީޖާ ޝީޓުގައި އޮތް ފޮއްޓަށް ވޯޓު ހައްގުވާ އަދަދުކަމަށް ޖަހާފައި އޮންނަ އަދަދަށްވުރެ ގިނަ ވޯޓު ފޮށީގައި ހުރެގެން ނުވާނެ،
ރައީސް މުހައްމަދު ނަޝީދު

ވޯޓުލުމުގެ ހައްގު ލިބޭ މީހުންނަށް ވުރެ ވޯޓު ލީ މީހުން ގިނަ، މައްސަލަ ހޫނުވެފައިވާއިރު މިހާތަނަށް އިއުލާންކުރި ގިނަ ވޯޓު ފޮށިތަކުން 61 ޕަސެންޓު (23،891 ވޯޓު) އިން ކުރީގައި ރައީސް ސޯލިހް އޮތް އިރު ރައީސް ނަޝީދަށް ލިބިވަޑައި ގެންނެވީ 39 ޕަސެންޓް (14،782 ވޯޓު) އެވެ. އަދި ޖުމްލަ ގޮތެއްގައި އަތޮޅުތަކަށް ބަލާއިރު ކޮންމެ އަތޮޅަކުންވެސް ރައީސް ސޯލިހު ވަނީ ކުރި ހޯއްދަވާފައެވެ.

ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޓީމުން ދަނީ ނަތީޖާ ޝީޓުތައް ބަލަމުން ކަމަށާއި ގިނަ ފޮށިތކުން ކުރީގައި އުޅުއްވަނީ އެމަނިކުފާނު ކަމަށެވެ. މީގެ އިތުރުން މިހާރު ފެންނަނީ މަދު ފޮށިތަކަކުން ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީގައި އުޅުއްވާ ނަތީޖާތަކެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވޯޓު ގުނަމުން ގޮސް އިރުކޮޅެއް ނުވެ ރައީސް ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވިކަން އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ އިއުލާން ކޮށްފައެވެ. 64.7 ނަޝީދަށް ލިބިފައިވާ ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާ ކަމަށް އިއުލާން ކުރި އިރު ސޯލިހުގެ ޓީމުން ބުނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް ސޯލިހު 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބު ކުރައްވައިފި ކަމަށެވެ. ނަމަވެސް މިހާތަނަށް ގުނާ ސާފުވި ނަތީޖާ އަށް ބަލާއިރު ރައީސް ސޯލިހަށް ވަނީ 61 ޕަސެންޓް ޔަގީން ވެފައެވެ. ބާކީ ނުގުނާ ހުރި މަދު ފޮށިން ނަތީޖާއަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.