ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫ ވޯޓު ފޮށި ފަޅާލި މައްސަލާގައި ރައީސް މުހައްމަދު ނަޝީދުގެ 3 މަންދޫބަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ރަތަފަންދޫ 2 މީހަކާއި ތިނަދޫއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މީހުންނަކީ ރައީސް ނަޝީދުގެ މަންދޫބުން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ރަތަފަންދޫ ވޯޓް ފޮށީގެ އޮފިޝަލުން ވޯޓް ކަރުދާހުން ބައެއް ވީދާފަ ހަވާލު ކުރަމުންދަނީ ވޯޓްލާ ގޮތް ބެލުމަށް ކަމަށާއި އެއްވެސް މާކެއް ޖަހާނަމަ ވޯޓް ބާތިލްވާނެތީ ވަކިގޮތަކަށް ވޯޓް ކަރުދާސް ބައެއް ވީދާލަނީ ވޯޓް ލާގޮތް ފާހަގަކުރަން ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވަނީ އެކަން ބަލައިދިނުމަށް އެމްޑީޕީއަށް އެދިފައެވެ.
ތ. މަޑިފުށީގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ދަފްތަރުގައި ނަން ނެތް މީހަކު ވޯޓުލުމުން، ހަމަނުޖެހުން ހިނގާ އެ ފޮށިވެސް ވަނީ ފަޅާލާފައެވެ.
މިއަދު ހެނދުނު ވޯޓުލާން ފެށީންސުރެ އެކި ވަރުގެ ހަމަނުޖެހުންތައް ހިނގަމުން އަންނައިރު މައިގަނޑު ގޮތެއްގައި ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލާ މައްސަލަ ވަރަށް ބޮޑެވެ. މާލެއާއި އަތޮޅު ތަކުގައި އެ މައްސަލަ ޖެހި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.