މަކަރު ހަދައިގެން ބައިވަރު ވޯޓު އެއްފަހަރާ އަޅާލާނެ ކަމުގެ އިޝާރާތެއް ލިބިފައިވާތީ އެކަން ހުއްޓުވައި މަކަރު ހެދުމުގެ ބައި ކުޑަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިރިޔާ ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށި ޓީ-12 ފޮށްޓަށް ވޯޓުލެވޭ މީހުންގެ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލި މައްސަލައެއް ފެންމަތިވެ، ވޯޓުލުން ވަގުތީގޮތުން މެދުކަނޑާލާފައި ވެއެވެ. ދިމާވި މައްސަލަ ހައްލުކޮށް އަލުން ވޯޓު ލާން މިހާރު ވަނީ ފަށާފައެވެ.

"ދަ ޕްރެސް"ގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެއް މަންދޫބު އާޒިމް ވިދާޅުވީ، ދިމާވެގެން އުޅޭ މައްސަލައަކީ ވޯޓުލެވޭ މީހުންގެ ލިސްޓުގައި ނެތް މީހަކު ވޯޓުލުން ކަމަށާއި، ވޯޓުލާފައި ވަނީ ޕާޓީގެ ދަފްތަރުގައި ނަން އޮތް މީހެއް ކަމަށެވެ.

"އެހެންވީމާ މަކަރު ހެދުމުގެ ވިސްނުމެއްގައި މުޅި ރާއްޖޭގަ މަސައްކަތްކުރަމުން ދާތީ، މިތާ އެއް ވޯޓު އަދި އަޅުގަނޑުމެންނަށް އެނގުނީ އެއް ވޯޓު، އަދި ބައިވަރު ލައިފާނެ ކަމަށް އިޝާރާތް ލިބިފަ އޮތީމަ އެންމެން މަސައްކަތްކުރަމުން މި ދަނީ މަކަރު ހެދުމުގެ ބައި ކުޑަ ކުރެވޭތޯ،"
އަލީ އާޒިމް | މެދުހެންވޭރު ދާއިރާގެ މެންބަރު

އެހެންކަމުން އިންސާފުވެރި ވޯޓެއް ލިބޭނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކަރުދާސްތައް އުކާލައިފި އެއް ކަމަކަށް، ގޯސް މީހަކު ވޯޓު ލައިފި،"

އަދިވެސް ނޭނގި އެތައް ބަޔަކު ވޯޓުލާނެ ކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ ފަރާތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނުގެ ކެމްޕެއިން އޭޖެންޓް ހަސަން ލަތީފް ވިދާޅުވީ، މިހާރު ކުރިއަށްދާ ޕްރައިމަރީގެ ވޯޓު ގަޑުބަޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން މަސައްކަތްތައް ކުރަން ރާވާފައިވާ ކަމަށާއި، އެކަން އެހެން ވިޔަ ނުދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޕްރައިމަރީގެ ވޯޓު ގަޑުބަޑުކުރަން އުޅޭ ކަމުގެ މައުލޫމާތު އެކި ގޮތްގޮތުން ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ހިތުން ސިޔާސީ ޕާޓީއެއްގެ އިންތިހާބުތަކުގެ ތެރެއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބު[ގެ] ވޯޓުލުން މި އޮތީ، އެހެންވީމާ މާދަމާގެ ވޯޓުގެ ކަންކަން ރަނގަޅަށް ގެންދިއުމަކީ ހާއްސަކޮށް އިލެކްޝަންސް ކޮމިޓީގެ މަސްއޫލިއްޔަތެއް މިވަގުތު، އަދި އެ މަސައްކަތްކުރުމަށް ތިބޭ އިލެކްޝަންސް އޮފިޝަލުންގެ މަސްއޫލިއްޔަތެއް އިތުބާރުހިފޭ ގޮތަށް ގެންދިއުމަކީ،" ހަސަން ވިދާޅުވިއެވެ.