އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާ ދިމާކޮށް ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓާއި، ވޯޓުލާން ދާން ހަމަޖެހިފައިވާ މަރުކަޒުތަކުގައި ހުރި ލިސްޓުތަކާ ފުށޫއަރާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ވޯޓުލެވޭ މީހުންގެ ލިސްޓު ނެރުނު އިރު، ލިސްޓުގައި "ނަން އެބައޮތް" ކަމަށް، ވޯޓުގެ ކަންކަން ކުރިއަށްދާ މަރުކަޒަކުން މައުލޫމާތު ދިން މީހަކު "ދަ ޕްރެސް" އަށް ބުންޏެވެ.
"ޗެއާޕާސަން އިންތިހާބުގަ ވޯޓުލެވުނު، އެކަމަކު މި އިންތިހާބުގަ އޭނާގެ ނަން ލިސްޓުގަ ނެތް، އެއީ މައްސަލައެއް ނޫންތޯ؟" އެ ތަނުގައި ކައިރީގައި ހުރި މީހަކަށް އިޝާރާތްކޮށް ވޯޓު ލާން އައި މީހަކު ކިޔައިދެމުން ގެންދިޔައެވެ.
އެ ސަރަހައްދުގައި ހުރި މަންދޫބަކު ބުނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބައެއް މެންބަރުންގެ ނަން ވެސް ލިބިފައިވާ ލިސްޓުގައި ނެތް ކަމަށާއި، އެއީ އޭގެ ތެރެއިން ވަކި ބަޔަކު ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.
އެވަގުތު އެ ސަރަހައްދުގައި ވޯޓު ނުލެވުނު މެންބަރު އެމްޑީޕީގައި ރަޖިސްޓްރީވެފައި އޮތްތޯ ޗެކްކުރިއިރު، އޭނާ ރަޖިސްޓްރީވެފައި އޮތީ އަދާލަތު ޕާޓީ އަށް ކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.
ވާހަކަ ކުރިއަށް ގެންދަމުން އެ މަންދޫބު ބުނި ގޮތުގައި މިހާރު ވެސް އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް، އައިޑީކާޑުގެ ބޭނުންކޮށް، ސޮއި ނަކަލުކޮށްގެން ބައެއް މެންބަރުން ވަނީ އެ ޕާޓީތަކަށް ވަގަށް ވައްދައިފައެވެ.
"އަޅުގަނޑުގެ ނަން ދުވަހަކު ވެސް އަދާލަތު [ޕާޓީ]ގަ އެއް ނޯންނާނެ،" އެތަނުގައި ހުރެ، ވޯޓު ނުލެވުނު މީހާ، "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކިޔައިދިނެވެ.
"ފެށުނީއްސުރެ އަޅުގަނޑަކީ ޕާޓީގެ މެންބަރެއް، އެހެންވީމާ ވޯޓު ނުލެވުނީމަ ދެރަ ވެސް ވާނެ، ރުޅި ވެސް އަންނާނެ، ވަރަށް މުހިންމު ދުވަހެއް މީ، މިކަންކަން ބަލަން ދެން ކިހިނެއްތޯ ހައްދަވާނީ؟" އޭނާ ބުންޏެވެ.
ބައެއް ވޯޓު މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގުމާއި ކަރުދާސްތައް ވީދާލުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، ވޯޓު ލެވޭ މީހުންގެ ލިސްޓުގައި ނެތް ބައެއް މީހުން ވޯޓު ލައިގެން ވެސް ބައެއް މަރުކަޒުތަކުގައި ވޯޓުލުން ހުއްޓުވާފައިވެއެވެ.