ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ ހޫނުވެ، ގދ. ހޯޑެއްދޫގައި ވޯޓުލުން ހުއްޓާލައިފިއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ ނުބަލަނިސް ވޯޓުލުން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނެލިބޭނެ ކަމަށެވެ.

ހޯޑެއްދޫގައި ވޯޓުލާފައިވަނީ އެއް އެޑްރެހެއްގައި ތިބި މާލޭގައި ދިރިއުޅޭ ދަރިފުޅުގެ ނަމުގައި މަންމަ ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ހޯޑެއްދޫ ވޯޓުލާ މަރުކަޒު ސަރަހައްދުގައި ހަމަ ނުޖެހުންތަކެއް ހިނގަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ލިސްޓުގައި ނަން ނެތް ގިނަ ބަޔަކު ވޯޓުލާކަމުގެ މައްސަލަތައް ފެންމަތިވަމުންދާއިރު ގއ. ވިލިގިލީގައި ވެސް އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ފޮޓޯއެއް ހިއްސާކޮށް އީވާ ވިދާޅުވީ ވިލިގިލި، ޝީޝާ، ނިއުޝަމް ޝިހާބް އަަކީ ލިސްޓުގައި ނަން ނެތް މީހެއް ކަަމަށާއި އެހެންނަމަވެސް އޭނާ ވޯޓުލާފައިވާ ކަމަށެވެ. އަދި ޖަރީމާ ހުއްޓުވަން އީވާ ވަނީ ގޮވާލައްވާފައެވެ.