ޔޫކްރައިން އާ ދެކޮޅަށް ހަނގުރާމަ ކުރާ ރަޝިއާގެ ވެންގާ ގްރޫޕަށް ބޭނުންވާ ޔޫކްރައިންގެ ސެޓެލައިޓް ފޮޓޯ ފޯރުކޮށްދޭ ޗައިނާގެ ކުންފުންޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުގެ ފޮރިން އެސެޓާ ބެހޭ އޮފީހުން ބުނީ، 16 ކުންފުންޏަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާ ކަމަށާއި އޭގެތެރެއިން 1 ކުންފުންޏަކީ ބެއިޖިން އާއި ލަގްޒަމްބާގްގައިވެސް އޮފީސް ހުންނަ ސްޕޭސްޓީ ޗައިނާ އެވެ. ޓްރެޝަރީ ޑިޕާޓުމަންޓުން ބުނާގޮތުން އެ ކުންފުނިން ސެޓެލައިޓް އިމޭޖަސް ނުވަތް ފޮޓޯ ރަޝިއާގެ ޓެރާ ޓެކް ކުންފުންޏަށް ފޯރުކޮށް ދޭ ކަމަށާއި އެ ފޮޓޯތަކުގެ ތެރޭގައި ޔޫކްރައިންގެ އެކި ސަރަހައްދުތައް ހިމެނޭ ކަމަށެވެ. އަދި އެ ފޮޓޯތައް ކުލީ ސިފައިންނަށް ލިބޭ ކަމަށާއި އޭގެ އަލީގައި ކުލީ ސިފައިންގެ ހަމަލާތައް ރާވާ ހިއްގާ ކަމަށެވެ.

ދަތިކުރުމުގެ މި ފިޔަވަޅުތަކާއެކު ބައިނަލްއަގުވާމީ ޕޭމަންޓް ނިޒާމުތައް ބޭނުން ކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވުމުގެ އިތުރުން، ޑޭޓާ ވެސް ޓްރާންފާ ނުކުރެވޭނެއެވެ. ދުނިޔޭގެ ޕޭމަންޓް ގޭޓްވޭގެ މައި މަރުކަޒަކީ އެމެރިކާއެވެ. އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ވީސާ އާއި އެނޫންވެސް ގްލޯބަލް ޕޭމަންޓް ސިސްޓަމުން ކުރާ މުއާމަލާތްތައްވެސް ދަނީ އެމެރިކާ މެދުވެރިވެގެންނެވެ.

މި ކަމާ ގުޅިގެން ޗައިނާގެ ކުންފުނިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމަ ކުށްވެރި ނުކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ އިރު ޗައިނާ އަކީ ރަޝިއާގެ ގާތް އެކުވެރިއެއް ވެސް މެއެވެ.

ޗައިނާގެ ސްޕޭސިޓީ އަކީ، އެސްއޭއާރް ރޭޑާ ސިސްޓަމް ބޭނުން ކޮށްގެން މުޅި ދުނިޔޭގެ ސެޓެލައިތް ފޮޓޯ ނަގާ އެތަން މިތަނަށް ފޯރުކޮށްދޭ ބައިނަލްއަގުވާމީ ކުންފުންޏެކެވެ.