ޏ. ފުވައްމުލަކު ސިޓީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 9:50 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ، ފުވައްމުލައް ސިޓީގެ މައިލޯ ސްޓޭޑިއަމް ސަރަހައްދު ކައިރިން ހައިވޭގައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ އަންހެނުންނަށް ކަމަށެވެ. އެ ދެމީހުންނަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އަދި އޮތުރު ފަރުވާ އަށް އަނިޔާ ލިބުނު މީހުން މާލެއަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެމީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ފުލުހުން ބުނީ، މި މައްސަލަަ ފުލުހުން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓްވި ދެ އުޅަނދު ދުއްވި މީހުންނަކީ ލައިސަންސް އޮތް ބައެއްކަން އަދި ނޫން ކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.