އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ޖަލްސާ ނިންމާލީ ޕްލޭން ކޮށްފައިވާ ގޮތަށް ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

މިރޭ ކުރިއަށް ދިޔަ ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ނުދައްކަވައި ޖަލްސާ ވަނީ ވަރަށް އަވަހަށް ނިންމާލާފައެވެ. އަދީ ޖަލްސާ ނިންމާލުމާއެކު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ބޮޑީގާޑުންނާއެކު ޖަލްސާ އޮތް ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.

މި މަންޒަރުގެ ފުޓޭޖްތައް ސޯޝަލް މިޑިއާގައި ދައުރުވަމުން އަންނަ އިރު ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޖަލްސާ އަވަހަށް ނިންމާލައްވާފައިވާ ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ވެސް އަންނަނީ މި މޭރުމުން ހަބަރުތައް ފަތުރަމުންނެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ، މިރޭގެ ޖަލްސާ ކުރިއަށް ގެންދިޔައީ ޕްލޭންކޮށްފައިވާ ގޮތަށް ކަމަށާއި އަދި އަވަހަށް ނިންމާލީ ނޫން ކަމަށެވެ. ވަކި ހާއްސަ ބަދަލެއް މެދުތެރެއިން ގެނެސްފައި ވެސް ނުވާނެ ކަމަށާއި ރައީސް ނަޝީޑު އަވަހަށް އެ ސރަހައްދުން ވަޑައިގަތްފައި ވަނީ އެއީ ވެސް ޕްލޭންކޮށްފައި އތް ގޮތް ކަމަށް އެ ޓީމުން ބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަން ޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުންގެ ހިދުމަތަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެމްއެންޑީއެފަށް ލިބިފައިވޭތޯ ވެސް ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައި ވަނީ އެފަދަ ކަމެއް އުޅޭތޯ މައުލޫމާތު އޮޅުން ފިލުވުމާކާ ނުލާ ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.