ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބަށް ވާދަ ވެރިން ރިޝްވަތު ދޭނެ ކަމަށާއި އެ ނަގާފައިވެސް ވޯޓު ދޭން ވާނީ އެމަނިކުފާނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިންގެ އެންމެފަހު ދުވަސްތައް ގުނަމުން ދާއިރު، ނަޝީދު މިހެން ވިދާޅުވެފައި ވަނީ ކެމްޕެއިން ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ.

މި މޭރުމުން ވާހަކަފުޚު ދައްކަވަމުން ނަޝީދު ވިދާޅުވީ މިފަހަރު މިދަނީ ވަރަށް ރަނގަޅަށް ކަމަށާއި ސެޕްޓެމްބަރު މަހު އޮންނަ ބޮޑު އިންތިހާބަށް ހަރަދު ކުރަމަށްޓަކައި މިހާރު ބަހާ ރުފިޔާ ނެގުމަށް ފަހު އެއިން އެއްބައި ސެޕްޓެމްބަރު މަހު ބޭނުން ކުރުމަށް ފަހަށް ރައްކާކުރުމަށެވެ.

އަދި އޭގެ އިތުރުން، ފައިސާ ހިފައިގެން އުޅެނީ ކޮންބައެއްތޯ ބެލުމަށް ފަހު އެމީހުންނަށް ގުޅައިގެން ގެއަށް ގެނެސް ރުފިޔާ ނެގުމަށާއި ނަމަވެސް ވޯޓަކާއި ރުފިޔާ އާ ގުޅުމެއް ނޯންނަ ކަމަށާއި މިއީ އެ މަނިކުފާނުގެ ތަޖުރިބާއަށް ބައްލަވައި ޔަގީންވެވަަދައިގަންނަވާ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އިންތިހާބު ތަކުގައި ވާދަކޮށް ރައްޔިތުންގެ ހައިބަތު ނަގާލަންށާއި ގަދަރާއި އިއްޒަތް ކަނޑާލަން މީހުން ހުތުރު ރުފިޔާ ހިފައިގެން ނުކުމެ އެއްފަހަރުވެސް ކާމިޔާބު ނުވާކަމަށާއި، ނަމަވެސް މިފަހަރު އެ ރުފިޔާގެ ބޭނުން ކުރުމަށް ފަހު އެމަނިކުފާނަށް ވޯޓު ދިނުމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައި އޮތް މިދަނޑިވަޅުގައި ދެ ބައިވެރިން ވެސް ގެންދަނމވަނީ ބަހުގެ ގިނަ ހަމަލާތަކެއް ރައްދު ކުރައްވަމުންނެވެ. ނަޝީދުގެ ކެމްޕެއިން ހަރަކާތް ނިންމާލުމަށް ބާއްވާ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ރައީސް ސޯލިހްގެ ކެމްޕެއިން ނިންމާލާ ޖަލްސާ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.