ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. މަތިވެރީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މި އިންވެސްޓްމަންޓާއެކު، މިވަގުތު އއ. އަތޮޅު ރަސްދޫގައި ބްރާންޗެއްގެ އިތުރުން ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށް ހިދުމަތްދެމުންދާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އަލަށް މި ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށް ކާލް ވިދާޅުވިއެވެ.

​މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރު، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެއެވެ.