ބޭންކް އޮފް މޯލްޑިވްސް އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް، ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލާ ލޯނު ދޫކުރަމުންދާނީ 'ބީއެމްއެލް ލުއި ލޯނު' ގެ ގޮތުގައި ކަމަށެވެ.
މިގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ޕޯޓްފޯލިއޯ އަށް މިގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ.
ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރައްވަމުންދާނެ ކަމަށް ކާލް ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ، އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށާއި 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.