އަފްގާނިސްތާނަށް މިހާރު ކުރިމަތިވެފައި ވާ ފިނިމޫސުމުގައި ބާރު ފިންޏާއި ބޯ ސްނޯގެ ސަބަބުން މަރުވި މީހުންގެ އަދަދު 124 އަށް އަރައިފިއެވެ.

ވޭތުގެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފިނި ބާރުވި މި މޫސުމުގައި ނައަމްސޫފީގެ ތެރެއިން ވެސް 700،000 އެއްހާ ނައަމްސޫފި މަރުވެފައި ވާ ކަމަށް ކާބުލްގެ ޑިޒާސްޓާ މެނޭޖަމަންޓް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ބޯ ސްނޯގެ ސަބަބުން އަފްގާނިސްތާނުގެ ބައެއް ސަރަހައްދުތަކަށް ދަތުރު ފަތުރުކުރެވެން އޮންނަ މަގުތައް ބަންދުވެފައި ވާ ކަމަށެވެ. އަދި މީހުން ސަލާމަތް ކުރުމަށް އަސްކަރިއްޔާއިން ހެލިކޮޕްޓަރުތަކުގައި އެފަދަ ސަރަހައްދުތަކަށް ދިޔަ ނަމަވެސް ބޯ ސްނޯއާ ހެދި ހެލިކޮޕްޓަރު ޖެއްސުމުގައި އުނދަގޫތަކާ ދިމާވެފައި ވާ ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި މޫސުން އަލިވާނެ ކަމަށް ލަފާ ކުރެވުނަސް އިތުރު މީހުން މަރުވެފައި ވުމަކީ އެކަށީގެން ވާ ކަމެއް ކަމަށާއި މިހާރު ރިކޯޑްކުރެވިފައިވާ އަދަދުތައް މަތިވުން އެކަށީގެން ވާ ކަމަށް ވެސް ބުނެއެވެ.

މިހާތަނަށް މަރުވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ރަށްފުށު ހިސާބުތަކާއި ފަރުބަދަތަކުގެ މަތީގައި ދިރިއުޅޭ ފަރާތްތައް ކަމަށް ވާއިރު އެ ސަރަހައްދު ތަކަކީ ސިއްހީ ފަރުވާއެއް ވެސް ލިބެން ހުންނަ ސަރަހައްދު ތަކެއް ނޫނެވެ.

އަފްގާނިސްތާނުގައި މަސައްކަތް ކުރާ އެކި އެކި އެންޖީއޯތަކުގައި އަންހެނުން މަސައްކަތް ކުރުން ތޯލިބާން ސަރުކާރުން މަނާ ކޮށްފައި އޮތުމުން، މީހުން ސަލާމަތް ކުރުމާއި އެނޫންވެސް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވެސް މިހާރު އެގައުމުގައި މަސައްކަތެއް ނުކުރެއެވެ. މީގެ ކުރިން އެފަދަަ ޖަމާއަތްތަކުން ދިޔައީ ރަށްފުށުގެ އެކި ހިސާބުތަކާއި ދަތުރުފަތުރުގެ ދަތިކަން ހުންނަ ސަރަހައްދުތަކަށް ވެސް ގޮސް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.