ށ. ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފިއެވެ.

ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ރިވެޓްމަންޓުގެ މަސައްކަތް ކަމަށާއި 2023 ނިމުމުގެ ކުރިން އެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށެވެ.

ރައްޔިތުންގެ އުންމީދަނީ މަޝްރޫއު ނިންމާ، މަތިކޮމަންޑޫ އިން ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެން ދިއުން ކަމަށް ޝިނާނު ފާހަގަ ކުރެއްވިއެވެ.

އެ މަޝްރޫއާ ގުޅިގެން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ، ދެ ކޮމަންޑޫގެ ބިޔަ ޕްރޮޖެކްޓުގެ ހިމެނޭ ދަށު ކޮމަންޑޫ ވަށާ ތޮށި ޖެހުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުގައި ހިމެނޭ މަތިކޮމަންޑޫގެ ބިން ހިއްކުމާއި ބްރިޖު އެޅުމާއި، ދެން ވެސް ކުރަން ހުރި ކަންކަން ޕްރޮޖެކްޓު ޓައިމްލައިންގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރާޝިދު ވިދާޅުވިއެވެ.

ވަރަށް ސާފުކޮށް މިދަންނަވަނީ މިކަން ނިންމާނަން
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރާޝިދު

ކޮމަންޑޫ ކައުންސިލުން މިހެން ބުނި ނަމަވެސް ކޮމަންޑޫ ބައެއް ރައްޔިތުން ވަނީ އެ މަޝްރޫއު މިހާރު އެއްވެސް ވަރަށް ކުރިއަށް ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއު/ ފޮޓޯ: އެމްޓީސީސީ

މިމަޝްރޫއުއާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕެއިން ކުރެއްވުމަށް "ފިކުރެއްގެ ދިރުން" ޖަގަހަ ހުޅުވުމަށް ފަހު މިމަހު 16 ވަނަ ދުވަހުގެ ރޭ މާލޭގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިސަރުކާރުން ކޮމަންޑޫ އަށް ޖެއްސި ހާލު، މާލޭގެ ރައްޔިތުންނަށް ނުޖައްސާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް އޮންނާނެ ގޮތް ހާމަކުރައްވާ ޖޯކެއްގެ ގޮތުގަައި ށ. ކޮމަންޑޫ ހިއްކުމުގެ ވާހަކައިން ފައްޓަވަމުން ވިދާޅުވީ "ސަރުކާރުން އަޅުގަނޑުގާތުގައި ބުނީ ދެ ކޮމަންޑޫ ގުޅުވާލަދޭނެ ކަމަށް ބުނާށޭ، އެގޮތަށް ރައްޔިތުން ކައިރީ ބުނެ ރަނގަޅަށް ވޯޓުލައި ނުނިމެނީސް "ޖައްރާފު" ގެންގޮސްފި! އެޅިވެލިކޮޅު ހިނގައްޖެ" ކަމަށެވެ. އަދި މިއީ ކޮމަންޑޫ ރައްޔިތުންނަށް ހަގީގަތުގައިވެސް އޮތް ވަރަށް ބޮޑު ހިތާމައެއްގެ ގޮތަށް ސިފަ ކުރައްވާ ނަޝީދު ވިދާޅުވީ މިދަތުރު [ހާލު] މާލޭގެ ރައްޔިތުންނަށް ޖައްސަން މިސަރުކާރުން އަމާޒު ހިފާފައި ހުރިކަމަށާއި އެގޮތަށް ވިޔަ ނުދެއްވާނެ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ކޮމަންޑޫގައި 1.69 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންގެ މަސައްކަތާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިމެއް ހިއްކުމުގެ މަސައްކަތާއި، މަތިކޮމަންޑޫގައި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓަކާއި، ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށްޓެއް ގާއިމް ކުރުމެވެ. މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑު އާއި މަތިކޮމަންޑޫ ހިއްކާ ސަރަހައްދު ގުޅާލުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ. މި މަޝްރޫއު އިއުލާނު ކުރި އިރު، ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ހިމާނާފައިވާ މަޝްރޫއުތަކުގައި މި މަޝްރޫއު ހިމަނާފައި ނުވާތީ މި މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ. އަދި މި މައްސަލަ އޭސީސީން އަންނަނީ ދިރާސާ ކުރަމުންނެވެ.