ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލަކާ ގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށް ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.
އެމްޑީޕީ ޕްރައިމަރީ ކެމްޕެއިން ދަތުރުފުޅެއްގައި ގދ ތިނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ އަމްރު ރައީސް ނަޝީދުގެ ކެމްޕެއިންއާ ގުޅިވަޑައިގެންފައި ވާތީއެވެ.
ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމަށް ހަވާލުކޮށްފައި ވަނީ އެސްޓީއޯ އަދި މިފްކޯއަށްކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވަނީ މި މަޝްރޫއުތައް ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އަދި ކުންފުންޏަކުން ވެސް ފަސް ނުޖެހޭނެ ކަމަށާއި އެ ސިޔާސަތުތައް ތަންފީޒު ކުރެވޭ ގޮތަށް ކަންތައްތައް ބަދަލު ކުރައްވަމުން ގެންދާވާނެ ކަމަށެވެ.
ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ތިނަދޫގައި ކުރިއަށްދާ ކަން ފާހަގަކުރައްވައި ތިނަދުއަށް ދެން ވަޑައިގަންނަވާނީ ތިނަދޫ ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތަށް ކަމަށް ވިދާޅުވެފައި ވެއެވެ. އެގޮތުން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް ވިސްނަވާ ތިނަދޫގައި ބައިނަލްއަގްވާމީ ޕޯޓް، ޓާޝިއަރީ ހޮސްޕިޓަލް، ތައުލީމީ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް ވައިގެ ބަދަރެއް އަޅުއްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކަންތައްތައް ކުރެވޭނީ ވެރިކަމުގައި ތިބެގެން ކަމަށާއި މަގުމަތީގައި ތިބެގެން ނޫން ކަމަށެވެ. އަދި ސަރުކާރުން ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރައްޔިތުން މަގުމައްޗަށް ނުކުންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ރައީސް ސޯލިހް ހޮއްވަވައި ތަރައްގީގެ މަޝްރޫއުތަކައިގެން ކުރިއަށްދާނީ ތޯ ނުވަތަ މަގުމަތިވެ މަޑުޖެހިފައި ތިބޭނީ ތޯ ނިންމާނީ ރައްޔިތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.