ދެކުނު ކޮރެއާގެ ވެރިރަށް ސޮއުލްގައި އޮންނަ ހަމައެކަނި ފަގީރު އަވަށްގަނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ 60 ގެ އަނދާ ހުލިވެއްޖެއެވެ. ލަކުޑިއާއި ޕްލައިވުޑުން ގެތައް ހުންނަ މި އަވަށްގަނޑުގައި ރޯވެ 2700 ސްކެއާ މީޓަރުގެ ސަރަހައްދެއް (ގާތްގަނޑަކަށް 60 ގެ) އަނދާ ހުލިވެފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ހެނދުނު 6 ޖެހި އިރު ރޯވި އަލިފާން ގަނޑު މެންދުރު 12 ނުޖަހަނީސް ނިއްވާލި އިރު، މީހަކަށް އަނިޔާއެއް ވެ ޒަހަމްވެ ނުވަތަ އެހެންވެސް ގެއްލުމެއް ލިބުނު ކަމުގެ ހަބަރެއް ނެތެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރިހަމަ ވަސީލަތް ތަކާއެކު 800 އޮފިޝަލަކު ހަރަކާތްތެރި ވި، އަނދައިގެން ދިޔަ ގެ ތަކުގައި ދިރިއުޅުނު 500 އެއްހާ މީހުން ސަލާމަތް ކުރިއެވެ.

ފަގީރުން ދިރިއުޅޭ މި އަވަށަކީ މީގެ ކުރިންވެސް މޫސުމީ ކާރިސާތަކާ ކުރިމަތިލާން ޖެހި، މޫސުމީ ވިއްސާރައިގައި ގެދޮރު ހަލާކުވެ ގެއްލުންތައް ލިބޭ އަވަށެކެވެ. އަދި އަވަށުގެ ހާލަތު ހުރި ގޮތުންނާއި، ގެދޮރު ހަދާފައި ހުންނަ ގޮތުން އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރު އޮތް ކަމަށް 2019 އަވަ އަހަރުވެސް އޮފިޝަލުން ހާމަ ކުރިއެވެ.

ލަކުޑި ފިލާ އަވަށުގައި ތިބެ ދުރަށް ބަލާލުމުން ފެންނަ މަންޒަރު / ފޮޓޯ: ބްލަމްބާގް

އޭޝިއާގެ 4 ވަނަ އަށް އެންމެ މުއްސަނދި އިގުތިސޯދު އޮންނަ ދެކުނު ކޮރެއާގެ ސޮއުލްގެ މި އަވަށަކީ، މުއްސަނދިންނާއި ފަގީރުންގެ ތަފާތު ބަލާ ބަޔަކަށް ފެންނާނެ ފުރިހަމަ މިސާލެކެވެ. މި އަވަށުގައި ހުއްޓި ހުރެ ދުރަށް ބަލާލުމުން ފެންނަން ހުންނަނީ ބުރިބުރިއަށް ނަގާފައި ހުންނަ އުސް އިމާރާތްތަކެވެ. އެއީ ސިޓީއެވެ. މުއްސަނދި ދިރިއުޅުން ނުވަތަ ފޯރާ މީހުން އެތާނގައި އުޅޭ އިރު، ތިރިއަށް ބަލާލުމުން ފެންނަން އޮންނަނީ ލަކުޑި ފިލާ މި އަވަށެވެ.

ހަބަރުތައް ބުނާ ގޮތުން އެ ވަށަކީ ގާތްގަނޑަކަށް 1000 އެއްހާ މީހުން ދިރިއުޅޭ އަވަށެކެވެ.