ރައްޔިތުން ބޭނުންވާ ސްޕީޑްގައި ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ލޯނު ނަގަންޖެހޭ ކަމަށާއި ލޯނު ނަގަންވެސް ނަގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކަތައް "ހަމަ އަންނަނީ، އަންނަނީ،" ކަމަށެވެ. އެހެންނަމަވެސް ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ލޯނު ނަގަނީ ކުރަން ޖެހޭ މަސައްކަތްތައް ކުރަން ކަމަށް ވާއިރު ލޯނު ނަގައިގެން ވެސް ގައުމު ބަގުރޫޓު ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ދަރަނި ނަގަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފައިދާ އާއި މަންފާއަށް ކަމަށާއި އޭގެ ސަބަބުން މި ގައުމުގެ އިގްތިސޯދު ކުރިއަރާނެ އިރު އެކަން ކުރަނީ ހިސާބުތަކެއް ޖަހައި ބަލަން ޖެހޭ ކަންކަން ބަލައި ހެދުމަށް ފަހުގައި ކަމަށެވެ.

ސަރުކާރުން ޓެކްސް އާއި ލޯނު ނަގަނީ ތަރައްގީ އާއި ކުރިއެރުމުގެ މަސައްކަތްތަކަށްޓަކާ ކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ޓެކްސް ނަގަން ޖެހުނު ސަބަބަކީ 21 ވަނަ ގަރުނާ ހިސާބަށް އައިއިރުވެސް ދިވެހިންގެ އުއްމީދުތަކުގައި ސަރުކާރުތަކުން ކުލަޖައްސާ ދެވިފައި ނުވާތީ މިއަދުގެ ސަރުކަރުން އެއްފަހަރާ އެ ހުރިހާ ކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުންވުމުން ކަމަށެވެ. އަދި ލޯން ދޭ ފަރާތްތަކުންވެސް ލޯނެއް ދޭ އިރު ސަރުކާރުގެ ގާބިލުކަން ބަލާ ކަމަށާއި އެ ލޯނެއް ދެއްކޭނެ ހަކަތަ ހުރިތޯވެސް ބަލާ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މުޅި ރާއްޖެ ބަދަލު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ހަމައެކަނި އިގްތިސޯދީ މަސައްކަތްކަތްޕުޅު ނޫންކަމަމަށާއި އިޖްތިމާއީ އަދި އުމްރާނީ ކަންކަމަށްވެސް ސަމާލުކަން ދެއްވައިގެން ހިކުމަތްތެރިކަމާއެކު ކުރައްވަމުން ގެންދަވާ ކަމަށެވެ. އިތުރަށް ފައްޔާޒް ވިދާޅުވީ މިހާރު މުޅި ރާއްޖޭގައި ހިނގަމުންދާ ކަންކަމަކީ ވޭތުވެދިޔަ އެތައް ގަރުނުތަކެއް އެއްކޮށްލުމުން ވެސް މި ގައުމަށް ނާންނަ ހެޔޮ ބޮޑެތި ބަދަލުތަކެއް ކަމަށެވެ.

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަމުން ފައްޔާޒް ވިދަޅުވީ މީގެ 400 އެއްހާ އަހަރު ކުރިން ކަޅުއޮށްފުންމީގައި ރާއްޖެ މިނިވަން ކުރުމުގެ މަސައްކަތް ކުރީ ބޮަޑުތިލަދުންމަތިން ކަމަށާއި ހަނިމާދޫ އެއާޕޯޓްގެ މަސައްކަތަކީ އެފަހުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ.

ރޭގެ ވާހަކައިގައި ފައްޔާޒު ވަނީ އަންނަނީ އަންނަނީ އޭ ވިދާޅުވެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅުން ކިޔާ ފާދުކިޔުންތަކަށް ވެސް ވަރުގަދަ ރައްދު ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، މީގެ ކުރިން އިންޓަނެޓުގެ އަގު ބޮޑުވެގެން، ޖީބީ ކޮޅު ހުސްވެގެން އަބަދާ އަބަދު އެ ޝަކުވާ ކުރި ކަމަށާއި މި ސަރުކާރުން "އަންނަމުން އަންނަމުން" އައިސް އެކަންވެސް ހައްލުކޮށް އިންޓަނެޓުގެ އަގު ހެޔޮ ކޮށްފި ކަމަށެވެ. ހަމަ އެއާއެކު ކުރިން "ރަށްތަކެއް ބަހާލައިގެން" ދަތުރުފަތުރު ވެސް "އަންނަނީ އަންނަނީ" ގައި އޮވެ އޭގެ ލުއި ފަސޭހައެއް ރައްޔިތުންނަށް ނުލިބުނު ކަމަށާއި މި ސަރުކާރުން "އަންނަމުން އަންނަމުން" ގޮސް އާރުޓީއެލް ތައާރަފް ކޮށް 3-4 ހާހަށް ކުރި ދަތުރު މިހާރު 150ރ އާ ހިސާބަށް ދަށްކޮށްލައިފި ކަމަށެވެ.

އިގުތިސޯދާއި އުމްރާނީ ތަރައްގީއަށް އެންމެ މުހިންމު ވާ ކަންކަމަކީ ގާނޫނީ އޮނިގަނޑާއި އުސޫލުތައް، ވިޔަފާރިތަކަށް ފަހިވާގޮތަށް ހެދުން ކަމަށާއި، ކުރިން ހުރި ފިއްތުންތައް ނައްތާލައި މިހާރު އެކަމުގައިވެސް ކުއްޖެއް، މެދެއް، ބޮޑެއް ނުބަލައި ވިޔަފާރިތަކަށް ފަހިކޮށްދީފައި ވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ކޮންމެ ސިނާއަތެއްވެސް ކުރިއަރާ ދާން އެ ސިނާއަތެއްގައި ހިދުމަތް ކުރާނެ ގާބިލު އިލްމީ މީހުން ބޭނުން ވާ ކަމަށާއި، މިސަރުކާރުން މީހުން ބިނާ ކުރުމަށް، ހާއްސަކޮށް ޒުވާނުން ބިނާ ކުރުމަށް މަތީ ތައުލީމަށް ބޮޑު ހޭދައެއް ވެސް ކުރަމުން ދާ ކަމަށެވެ.

ފައްޔާޒުގެ ވާހަކަ ރޭ ނިންމަވާލެއްވީ، ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން މާލޭގެ އުތުރަށް އިންގިލާބީ ބަދަލެއް، ކުރިއެރުމެއް އަންނާނެ ކަން ފާހަގަ ކުރައްވަމުންނެވެ.