ދެ ބިލިއަން ރުފިޔާގެ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު އިފްތިތާހު ކޮށްްދެއްވައިފިއެވެ.

އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި މިރޭ ހަނިމާދޫގައި ބާއްވަމުންދާ ރަސްމިއްޔާތުގައެވެ.

އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ދެ ބިލިއަން ރުފިޔާގެ މަޝްރޫއަކަށް ވާއިރު ޑރ. ޖައިޝަންކަރުގެ މިއަދު ރާއްޖެ ވަޑައިގެންނެވީ މި ރަސްމިއްޔާތަށެވެ.

މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. އެންމެފަހުން ޑރ. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އައްޑޫ ސިޓީއަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ ބޯއިން 737 އާއި އެއާބަސް އޭ-320 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫން ހިދުމަތް ދެވޭނެއެވެ. ހަމައެއާއެކު މެދުއިރުމަތީގެ އިތުރުން، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހަނިމާދުއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިމިގެން ދާއިރު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެތަނުގައި ހުންނާނީ ގާއިމްކޮށްފައެވެ. އަދި އަމާޒަކީ 2024 ނިމެންވާއިރަށް ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިންމާލުން ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.