މިހާރު ނޫހުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ނޫސްވެރިންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ވީ އެންމެ އަވަހަށް ތަހުގީގު ކޮށް ދިނުމަށް މޯލްޑިވްސް ޖޯނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

އެމްޖޭއޭއިން ބުނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެ ނޫން ވެސް ގޮތްގޮތުން މިހާރު ނޫހުގެ އެކި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބަދުނާމުކޮށް، އަބުރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެފަދަ އަމަލުތައް ގިނަވަމުން އަންނާތީ "މިހާރު" ނޫހުން ވަނީ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށާއި މަދަނީ މައްސަލަތަކެއް ހުށަހެޅުމަށް ވެސް ތައްޔާރުވަމުން ދާ ކަމަށް ބުނެފައެވެ. އެހެންކަމުން އެ ނޫސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެމްޖޭއޭ އިން ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.

ނޫސްވެިރންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމައްޓަކައި އެކި ފަންތިތަކުގައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މީގެ ކުރިންވެސް ކަމާ ގުޅޭ އެކި އިދާރާތަކާއި މުއައްސަސާތަކަށާއި އަދި ސަރުކާރަށް ވެސް ހުށްހެޅުންތައް ހުށަހަޅާފައިވާނެ ކަމަށް އެމްޖޭއޭ އިން ބުނެއެވެ. އަދި އެ ހުށަހެޅުންތައް ވެސް އަވަހަށް ތަންފީޒުކޮށް ދިނުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.

ނަމާއި އަބުރު ރައްކާތެރިކުރުމާއި މިނިވަން ނޫސްވެރިކަމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގުތަކެކެވެ. ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގޭ އެފަދަ ދަށުދަރަޖައިގެ އަމަލުތަކަކީ ތަހުޒީބު ވެފައިވާ ޑިމޮކްރެޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޖޭއިން ބުނެއެވެ. އަދި ފާޑުކިޔަން ވާނެ ކަމަށާއި، ނަމަވެސް އެކަން ވާން ވާނީ ޒާތީ ނުވެ ބިނާ ކުރަނިވި ފާޑުކިޔުމަށް ކަމަށް ވެސް އެމްޖޭއޭ އިން ބުނެއެވެ.

މީގެ އިތުރުން އެމްޖޭއޭ އިން ވަނީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާހު އަށް ރޭގަނޑު ބޭރަށް ނުނިކުމެވޭ ގޮތަށް ޝަރުތުކޮށް ބަންދުން ދޫކޮށްލި މައްސަލަ ވެސް ކުށްވެރި ކޮށްފައެވެ. އަދި އޭނާ ރޭގަނޑު ވަޒީފާއަށް އޮފީހަށް ދިއުމަށް އެދިފައިވީ ނަމަވެސް އެކަން ވެސް ހަމަޖެހިފައި ނުވާ ކަމަށް ސަމާހު އާ ހަވާލާދީ އެމްޖޭއޭ އިން ބުނެއެވެ. އެހެންކަމުން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް އޮތް އެ ބަންދު އުވާލުމަށް އެމްޖޭއޭ އިން ވަނީ ގޮވާލާފައެވެ.

އެމްޖޭއޭއިން ބުނެފައި ވަނީ، ޗެނަލް13 ގެ ނޫސްވެރިންނާ މެދު ތަފާތުކުރުން ފުލުހުން ގެންގުޅެމުން ދާ ތަން ފެންނަ ކަމަށާއި އެ ޗެނަލްގެ ނޫސްވެރިންނަކީ ނޫސްވެރިން ނޫން ކަމަށް ފުލުހުން ބުނާ ކަމުގެ ޝަކުވާ ވެސް ލިބެމުން ދާ ކަމަށެވެ. އަދި އެ ނޫސްވެރިންނަށް ލިބޭ ހައްގުތަކަށް އެއްވެސް ވަރަކަށް ހުރަސް ނޭޅުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލާފައެވެ.