ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ދިއްދޫ އެއާޕޯޓް ހިމެނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ހއ.ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ތަރައްގީގައި ގިނަ ލަނޑުދަނޑި ތަކެއް ހާސިލް ވެފައިވާކަން ފާހަގަ ކުރެއްވައި އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެން އަންނާނަން މި ޕްރައިމަރީއަށް ފަހު. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މެނިފެސްޓޯއެއް އެކުލަވާލާނަން. ތިބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު. އޭގައި މި ރަށުގެ އެއާޕޯޓު ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ" އެވެ. އަދި އޭގެއިތުރުން ދިއްދޫގައި މިހާރު ކުރިއަށް ދާ 75 ހައުސިން ޔުނިޓްގެ އިތުރަށް ކައުންސިލުން އެދިފައިވާގޮތަށް 25 ޔުނިޓް އިތުރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ސޯލިހް ދެއްވިއެވެ. މީގެ އިތުރަށް ވިދާޅުވީ، މިސަރުކާރުން ކަންކަން ކުރިއަށް ގެންދަނީ ދުރާލާ ރޭވިގެން ކަމަށާއި އަދި އެކަމަށް އެންމެ އެކަށީގެންވާ ބަޖެޓަކާއެކު ކަމަށެވެ.

އަދި ކޮވިޑާ ގުޅިގެން ދަތިތަކެއް ދިމާވެ ހަގީގީ މަސައްކަތެއް ކުރަން ލިބުނީ 2 އަހަރާ ބައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖޫނިއާ ކޮލެޖްގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތުގެ އިތުރުން ދިއްދޫ ސްކޫލްގެ 12 ކްލާސްރޫމްއާއި އޮފީސް އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް މިހާރުވެސް ކުރިއަށްދާ ކަމަށާއި އޭގެއިތުރުން އައުޓް ޑޯ ޖިމް އާއި ޓާޝަރީ ހޮސްޕިޓަލްގެ ކަންކަން، ބިން އިތުރުކުރުމަށް ފަހު ކުރިއަށް ގެންދަވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ހއ އަތޮޅުން، ހޯރަފުށީގެ އިތުރުން އިހަވަންދޫއަށާއި ކެލާ އަދި ދިއްދޫއަށް ވަޑައިގަތުމަށް ފަހު، ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށަށްވެސް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.