ހިޔާ ސަރަހައްދުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރާއި އެޗްޑީސީއިން ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހުޅުވައިފިއެވެ.

އެޗްޑީސީއިން ބުނީ ޖެނެރަލް ޕްރެކްޓިސް ކްލިނިކްގެ ނަމުގައި މި ކްލިނިކް ހުޅުވާފައިވަނީ ހުޅުމާލެ ހިޔާގެ އެޗް 16 ވަނަ ޓަވަރުގައި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި މި ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ދެވިގެންދާނެކަމަށާއި ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން އެސްޓީއޯގެ ފާމަސީއެއްގެ ހިދުމަތް މި ކްލިނިކުން ލިބިގެންދާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

ހުކުރު ދުވަހާއި ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10 އިން ހަވީރު 5 އަށް މި ކްލިނިކްގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ކްލިނިކްގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެޗްޑީސީއިން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެޗްޑީސީ ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ހިޔާ ސަރަހައްދުގައި މީހުން އާބާދުވުމާއިއެކު އާންމުން ބޭނުންވާނެ ޒަރޫރީ ހިދުމަތްތަކާއި އަދި އެހެނިހެން ހިދުމަތްތައްވެސް ފޯރުކޮށްދިނުމަށް ސަރުކާރާއި އެޗްޑީސީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިހާރު ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ ގިނަ ކަންކަން ވަނީ ފޯރުކޮށް ދީފައެވެ.