ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ވަންޏާ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިހާބުތަކާ ގުޅުންހުރި މަސައްކަތްތައް މީގެ ކުރިން ކުރަމުން އިލެކްޝަންސް ކޮމިޝަނުން ކުރަމުން އައީ ބާޖަމާލުއްދީން އިމާރާތުގައެވެ. ނަމަވެސް އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށްޓަކައި އެ ބިން ހުސްކޮށް ތަޅާލަން ފަށާފައިވާތީ އެ ކޮމިޝަންގެ މަސައްކަތްތައް ވަނީ މައި އިދާރާ އަށް ބަދަލުކޮށްފައެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އިންތިހާބާ ބެހޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އެކަށޭނަ މާހައުލެއް ލިބިގެން ކަމަށާއި، މި މަހުގެ ތެރޭގައި އެފަދަ ތަނެއް ހަމަޖެހިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އަބަދު ވެސް އިންތިހާބާ ބެހޭ، ހާއްސަކޮށް ރިޔާސީ އިންތިހާބާ ބެހޭ ކަންކަމުގައި ކޮންމެ ސަރުކާރެއް އޮތަސް ވެސް އެ ސަރުކާރަކުން ބޮޑު އެއްބާރުލުމެއް ދެއްވާ އަޅުގަނޑުމެންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމުގަ." އިސްމާއީލް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހެޑް އޮފީހުގައި މަސައްކަތްކުރަން ދަތިވުމުގެ މައްސަލަ ސަރުކާރަށް ހުށަހެޅުމުން އެ ކޮމިޝަނަށް ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް ދިންކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވި ގޮތުގައި، އެތަން ލިބޭނެ ކަމަށް ޕީއެސްއެމުން އެ ކޮމިޝަނަށް އަންގާފައިވެއެވެ. ނަމަވެސް އެ ތަނަކީ ބާ ތަނެއް ކަމުން އެ ތަނަށް ވަނުމަށްޓަކައި ތަން މަރާމާތުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ މަހު އެ ތަނަށް ވަދެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެ ތަނަށް ނުވަދެވި، އިންތިހާބާ ބެހޭ މަސައްކަތްތައް ނުފެށި ލަސްވަންޏާ އިންތިހާބުގެ ތާރީހުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އިންތިހާބު އޮންނާނެ ކަން އިއުލާނުކޮށްފައެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ އެ މަހުގެ 30 ގައި ދެވަނަ ބުރު ބާއްވާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.