ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ހިދުމަތަށް ނުކުންނަ އިރު، އެ ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށާއި، އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިންގް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އީސް އިތުރަށް ވިދާޅުވީ، ކުރިމަތިވާ އެކި ގޮންޖެހުންތަކާއެކު ވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި މިގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ހާއްސަ ގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މިހާއްސަ ޖަލްސާގައި ރައީސް ވަނީ ތަމްރީން ކޯސް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ ދިވެހި ފުލުހުންގެ ހިދުމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުންމަތީ ދެމިތިބުމަށް އިލްތިމާސް ކުރައްވާފައެވެ.
މިކޯސް ފުރިހަމަކޮށް 164 ދަރިވަރުން ރޭ ވަނީ ދަސްވެނިވިފައި ވާއިރު ކޯހުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ފުލުހެއްގެ މަގާމު ހޯދާފައި ވަނީ ކޮންސްޓަބަލް މުހައްމަދު މިސްދާދް މީޝާގް އެވެ.