ރާއްޖޭގައި ހިންގި ފުރަތަމަ ފޮރެންސިކް ޑައިވިން ކޯސް ނިންމާ، ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

އީޔޫ ކްރިމާރީއޯ އިން އިންތިޒާމުކޮށްގެން ޕްރެންޗް ޒުންޑާމުރީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ރާއްޖޭގައި ހިންގި މިކޯހުގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޖަނަވަރީ 3 އިން ޖަނަވަރީ 13، 2023 ގެ ނިޔަލަށް ހުޅުމާލޭގައި ހުންނަ އެމްއެންޑީއެފް ކަލާސީނު ކޮށީގައި ކުރިއަށް ދިޔަ ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ 6 މީހެއްގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑާއި، ސްރީލަންކާ ނޭވީގެ 6 މީހުންނާއެކު ޖުމްލަ 12 މީހުން ބައިވެރިވިއެވެ.

ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުން ކިޔަވައިދިން މިކޯހަކީ މޫދުގައި ނުވަތަ ކަނޑުއަޑީގައި ހިންގާ ގާނޫނާއި ހިލާފު ތަފާތު ޢަމަލުތަކުގެ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދާނެ ގޮތުގެ އިލްމު އުގަންނައި ދިނުމަށް ހިންގި ކޯހެކެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން އީޔޫ ކްރިމާރީއޯގެ އިސް ބޭފުޅުންނާއި ކޯހުގެ ކިޔަވާދެއްވި ފްރެންޗް ޒުންޑާމުރީގެ އިންސްޓްރަކްޓަރުންނާއި ކޯހުގެ ބައިވެރިވި ރާއްޖޭގެ ކޯސްޓްގާޑް އަދި ސްރީލަންކާގެ ނޭވީއާއި ކޯސްޓްގާޑް ބޭކަލުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ބައެއް އޮފިސަރުން ވެސް ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ފްރެންޗް ޒުންޑާމުރީގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް އަންޑާ ވޯޓާ ކެމެރާއެއް ހަދިޔާ ކޮށްފައެވެ.