ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަމާ ހަވާލުވުމާ އެކު ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ކާބުލް އާ އެކު ގާއިމު ކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ތާލިބާން ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ އެތަކެއް ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

އަންހެނުންނާއި އަންހެންކުދިން، މަތީ ތައުލީމު ހާސިލުކުރުމާއި، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެކި އެކި އެންޖީއޯ ތަކުގައި އަންހެން މުވައްޒަފުންނާއި ވޮލަންޓިއަރުން މަސައްކަތް ކުރުން ތޯލިބާނުން މަނާކުރުމާ އެކު އިންސާނީ އެހީ ފޯރުކޮށްދޭ ގިނަ ބައިނަލްއަގްވާމީ ޖަމްއިއްޔާ ތަކުން ވަނީ، އެމީހުން އަފްގާނުގައި ކުރަމުން ދިޔަ އިންސާނީ އެހީ ދިނުމުގެ މަސައްކަތްވެސް ހުއްޓާލާފައެވެ.

ދަ އޭޝިއާ ފައުންޑޭޝަން އިން މިއަހަރު ޖެނުއަރީ 11 ގައި ނެރުނު "ދަ ފިއުޗާ ފޯކާސްޓް އޭޝިއާ އިން 2023" ގައި ވާގޮތުން، ތޯލިބާނުން ދެވަނަ ފަހަރަށް އަފްގާނިސްތާނުގައި ވެރިކަން ކުރަން ފެށިފަހުން 16 މަސް ދުވަސް ވެފައި ވާއިރު، އަފްގާނިސްތާނުގައި އޮގަސްޓު 2021 ގެ ފަހުން ރިޕޯޓު ކުރެވުނު އަނިޔާވެރި ކަމުގެ އަމަލުތައް ހިންގުން މަދުވެފައިވާ ކަމަށާއި އެހެން ކަމުން ސަލާމަތީ ގޮތުން ކުރިއެރުން ލިބުމުގެ އިތުރުން އެހެން ކަމެއް އަފްގާނިސްތާނުގައި ރަނގަޅު ވެފައި ނުވާ ކަމަށް ބުނެއެވެ.

މީގެ އިތުރުން އަފްގާނިސްތާނުގެ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ދަތި އުނދަގޫތައް އިތުރު ވަމުން އަންނަ ކަމަށާއި، ފަގީރުކަން އިންތިހާއަށް މަތިވެ، ވަޒީފާ ނުލިބޭ މީހުންގެ އަދަދު ގިނަވެ، އިގްތިސާދު ފުނޑި، އާންމު އަސާސީ ހިދުމަތްތައް ލިބުމުގައި ވެސް އެތަކެއް ދަތިތަކެއް ހުރިކަމަށް ވަނީ ފާހަގަކޮށްފައެވެ. ތާލިބާން ސަރުކާރުން އަންހެނުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަންހެނުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ކޮލެޖް، ޔުނިވާސިޓީ ފަދަ ތަންތަނަށް ދިޔުން މަނާކުރުމާއި، ވަޒީފާ އަދާކުރުން މަނާކުރުމާއި، ބޭރުގައި ހިންގޭ އެކި ކަހަލަ ކަންކަމުގައި ބައިވެރިވުން މަނާކުރުމާއި އަދި މީގެ އިތުރުން އާއިލާ އާ އެކުގައި ވެސް އާންމުން ގޮސްއުޅޭ ޕާކު ފަދަ ތަންތަނަށް ދިޔުން ވަނީ މަނާ ކޮށްފައެވެ.

އަފްގާނިސްތާނުގައި ރަނގަޅު ސިޔާސީ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް ތޯލިބާނުންނަށް ދުނިޔޭގެ ގައުމުތަކުން ގޮވާއިރުވެސް ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ތޯލިބާނުންގެ ވެރިކަން ބައިނަލްއަގްވާމީ މުޖްތަމައުން ބަލައެއް ނުގަނެއެވެ. ބޭރުގެ އެހީ އަށް އެހާ ބޮޑަށް ބަރޯސާ ވެފައިވާ ގައުމަކަށް ވެފައި އިންސާނީ ބޮޑު ކާރިސާއަކަށް ގައުމު ވެއްޓި، މަދަނީ ހަމަނުޖެހުންތައް އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އަފްގާނިސްތާނުގެ އަވަށްޓެރި ބައެއް ގައުމުތަކުން އަފްގާނުން އެގައުމު ތަކަށް ކަނޑައެޅި ސަފީރުން ބަލައިގަންފައި ވިޔަސް، ޗައިނާ އިން ތާލިބާން ސަރުކާރާ ގުޅުން ބަދަހިކުރުމަށް ފަރުދާގެ ފުރަގަހުން މަސައްކަތްތަކެއް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ތޯލިބާނުންގެ ސަފީރުން ބަލައިގަތް ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ޕާކިސްތާނު ހިމެނެއެވެ.

އިންޑިއާ އަކީ އަފްގާނިސްތާނުގެ ތަރައްގީ އަށް ގިނަ ދުވަސްތަކެއް ވަންދެން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެއް ނަމަވެސް އިންޑިއާ އިން އަދިވެސް ތާލިބާން ސަފީރުން ބަލައެއް ނުގަނެއެވެ.

ޗައިނާ އިން ވަނީ ތޯލިބާނުންނާ އެކު ތެލުގެ އެއްބަސްވުމެއްގައި ސޮއިކޮށް މުޅި އޭޝިއާ އަދި ދުނިޔެ ސިއްސުވާލާފައެވެ. ތާލިބާން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ "ޒިންޖިއަން ސެންޓްރަލް އޭޝިއާ ޕެޓްރޯލިއަމް އެންޑް ގޭސް" ކުންފުންޏާ އެކު ސޮއިކުރި މި އެއްބަސްވުމުގައި ވާގޮތުން ކުރިއަށް އޮތް 25 އަހަރު ޗައިނާގެ މި ކުންފުންޏަށް އަފްގާނިސްތާނުގެ އުތުރުން ދެމިގެން އަންނަ ބިޔަ ކޯރު، "އަމޫ ދަރްޔާ" އިން ތެޔޮ ނެގުމުގެ ހުއްދަ އޮންނާނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސް ވުމުގައި ސޮއި ކުރެއްވީ ތާލިބާންގެ އެކްޓިން މިނިސްޓާ އޮފް މައިންސް އެންޑް ޕެޓްރޯލިއަމް، ޝެއިހް ޝަހާބުއްދީން ޑެލާވަރާއި، ޗައިނާ ކުންފުނީގެ އިސް އޮފިޝަލެކެވެ. ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ތޯލިބާނުންގެ ބޮޑުވަޒީރު މުއްލާ އަބްދުލް ގަނީ ބަރަދާރާއި، ޗައިނާ އިން އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ޔޫ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަފްގާނިސްތާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރިއެވެ. މިއީ ތޯލިބާނުން ވެރިކަމާ ހަވާލުވި ފަހުން ބޭރުގެ ގައުމަކާ އެކު ކުރެވުނު ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުން ކަމުގައިވެސް ރިޕޯޓުތައް ބުނެއެވެ.

25 އަހަރުގެ މުއްދަތަކަށް ސޮއިކުރެވުނު އެއްބަސްވުމުގައިވާ ގޮތުން ޗައިނާގެ ކުންފުނިން އަފްގާނިސްތާނުގައި އަހަރަކު 150 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެއެވެ. އަދި 3 އަހަރު ތެރޭގައި މިއަދަދު 540 މިލިއަން ޑޮލަރަށް އިތުރު ކުރާނެއެވެ. އަދި ތޯލިބާނުންނަށް މިއިން 20 ޕަސެންޓް ހިއްސާ ލިބޭ އިރު، މި އެއްބަސްވުމުގައި ޝަރުތުކޮށްފައި ވާ ގޮތުން ތެޔޮ ނަގައި ޕްރޮސެސިންގެ ހުރިހާ ކަމެއް ވެސް ކުރާނީ އަފްގާނިސްތާނުގައެވެ. އަދި މި ޕްރެޖެކްޓުގެ ސަބަބުން އަފްގާނިސްތާނުގެ 3000 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

ޗައިނާއިން ތެލުގެ މި އެއްބަސްވުން ހެދިއިރު، ތޯލިބާން ހަނގުރާމައަށް ފަހު، އަފްގާންގައި އެންމެ ގިނައިން އިންވެސްޓް ކުރާ ފަރާތަކަށް ވެފައި ވަނީ ވެސް ޗައިނާއެވެ. ޗައިނާގެ އެތައް ވިޔަފާރިވެރިއަކު އަފްގާންގައި ބޮޑެތި އިންވެސްޓްމަންޓްތައް ދަނީ ހަދަމުންނެވެ. ގެސްޓު ވިޔަފާރިއާއި ހޮޓާ ރެސްޓޯރަންޓްގެ ވިޔަފާރީގެ އިތުރުން މައިން ކުރުމާއި އެނޫންވެސް އިންޑަސްޓްރީތަކުގައި ޗައިނާއިން ދަނީ އިންވެސްޓް ކުރަމުންނެވެ.