އިންޑިއާ އާއި ޗައިނާ ހިއްސާ ކުރާ އިމުގައި ދޭތެރެ ދޭތެރެ އިން ދެގައުމުން ކުރިމަތިލާ އިރު، ދާދި ފަހުންވެސް ވަނީ ދެގައުމުގެ ސިފައިން ތަޅައިގެންފައެވެ. ލަޓިބުރިއާއި އަތްފައިން ހިންގި އެ ކުރިމަތިލުމުގައި ދެފަރާތުގެ ސިފައިންނަށް ވެސް އަނިޔާވިއެވެ. އޭގެ ފަހުން މަހެއް ފާއިތުވެ ދިޔަފަހުން، އެ ބޯޑަރުގައި ޗައިނާގެ ސިފައިންގެ އަދަދު ގިނަވާ ކަަމަށް ބުނެ އިންޑިއާއިން ފައުޖެއް ފޮނުވައިފިއެވެ.

އިންޑިއާގެ އާމީ ޗީފް ޖެނެރަލް މަނޯޖް ޕާންޑޭ ވިދާޅުވީ، އެ ބޯޑަރުގައި އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ވެސް ކުރަމުން ދާތީއާ އެކު އިތުރު މެޝިނަރީއާއި ސާމާނުގެ އިތުރުން ސިފައިން ފޮނުވާފައި ވާ ކަމަށެވެ. އަދި ޗައިނާ ފަޅިން ހަރަކާތްތައް އިތުރުވާތަން ފެންނަ ކަަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެގައުމު ގުޅޭ ބޯޑަރާ ގުޅޭ ގޮތުން މިހާރު އޮތް 7 މައްސަލައިގެ ތެރެއިން 5 މައްސަލައެއް ހައްލު ކުރެވިފައި ވާ ކަމަށެވެ. އަދި ދެފަރާތުގެ އިސް އޮފިޝަލުންނާއި އަދި ޑިޕްލޮމޭޓުންގެ ފެންވަރުގައި އަބަދުވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަަމަށާއި ބޯޑަރުގެ ސުލްހަ ދެމި އޮންނަނީ އޭގެ މަތީގައި ކަމަށެވެ. ނަމަވެސް އެ 7 މައްސަލަ އަކީ ކޮބައިކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އިތުރަށް އޭނާ ވިދާޅުވީ ބޯޑަރުގެ އިރުމަތީ ބައިގައި ޗައިނާގެ ސިފައިން ކުޑަކޮށް އިތުރު ކަމަށް ފެންނާތީ އިންޑިއާއިން ސިފައިން އިތުރު ކޮށް ކޮންމެ ވަގުތަކު ކޮންމެފަދަ ހާލަތަކަށް ވެސް ތައްޔާރަށް ތިބި ކަމަށެވެ.

ބޯޑަރުގައި އިންޑިއާއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި މަގުތަކާއި ބްރިޖާއި ޓަނަލް (ބިންގަރާސް) ތަކާއި، ހޫނު ކުރެވޭ ގޮތަށް ސިފައިންނަށް ނިދާހެދޭނެ ތަންތަނާއި، ކާބޯތަކެތެއްޗާއި ނައާމްސޫފި ގެންގުޅެވޭނެ ތަންތަން ހެދުން ހިމެނެއެވެ. އަދި މިހާރު ކުރިއަށް ދާ މަސައްކަތްތަކަށް މިހާރުވެސް 1300 ކްރޯޑް ރުޕީސް (16 މިލިއަން ޑޮަލަރު) ހަރަދުކޮށްފި ކަަމަށް ވެސް ވިދާޅުވެއެވެ.

އިންޑިއާއާއި ޕާކިސްތާން ހިއްސާ ކުރާ ބޯޑަރާ ގުޅޭ ގޮތުން ޕާންޑޭ ވިދާޅުވީ، އެއްވެސް މައްސަލައެއް ދިމާނުވެ ސުލްހަވެރިކަމާއެކު ރަނގަޅަށް ދާކަމަށެވެ.