މުޅި ސަރަހައްދުގައި ވެސް 2023 ވަނަ އަހަރު އެންމެ ހަލުވިކަމާއެކު ކުރިއަށްދާނެ ގައުމަކީ ރާއްޖެ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިގްތިސޯދު ދިރާސާ ކުރުމަށް ފަހު ވޯލްޑް ބޭންކުން ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓާ ހަވާލާ ދެއްވާ އަމީރު ވިދާޅުވީ، މި ހިނގާ އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލީގެ ފޯކާސްޓް ވަނީ 8.2 އިންސައްތަ އަށް ލަފާކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ވޯލްޑް ބޭންކުން 2022 ވަނަ އަހަރަށް ލަފާކުރި އިގްތިސޯދީ ދުވެލި ވަނީ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކޮށްފައި ކަމަށާއި، މިއީ ކުރިން ލަފާކުރި މިންވަރަށް ވުރެ ބާރަށް ކޮވިޑުން ރާއްޖެ އަރައިގެނަފައި ވުމުން ލިބުނު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑާއެކު ފަތުރުވެރިކަން ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. ނަމަވެސް ކޮވިޑުން އަރައިގަތުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ފަތުރުވެރިކަން ކުރިއަރުވަމުން އަންނަ އިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ ހަލުވި މިނުގައި ކުރިއަށް ގޮސްފައި ކަމަށް ވޯލްޑްބޭންކް ރިޕޯޓުގައި ވެއެވެ..
މީގެ އިތުރުން، ރާއްޖޭގެ އިގްތިސޯދަށް ދިމާވާނެ ގޮންޖެހުންތަކުގެ ވާހަކަތައް ވެސް ހިމަނާފައި ވެއެވެ. އެގޮތުން ރާއްޖެއަކީ ދަރަނީގެ ރިސްކް ބޮޑު ގައުމެއް ކަން ފާހަގަކޮށް ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވެގެން ދިއުމުގެ ސަބަބުން ދަރަނި ދެއްކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓުގައި ފާހަގަ ކުރެއެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމަކީ ރާއްޖެ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއްކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މި ރިޕޯޓަކީ އަހަރަކު ދެފަހަރު ސަރަހައްދީ އިގްތިސޯދު ދިރާސާކުރުމަށް ފަހު ނެރޭ ރިޕޯޓެކެވެ.