އިންޑިއާގެ އެންމެ ބޮޑު ސިޔާސީ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ އިސްނަންގަވައިގެން މުޅި އިންޑިއާގައި ކުރިޔަށް ގެންދަވާ ހިނގާލުމުގައި މިހާރު ވަނީ އިންޑިއާގެ ހަރިޔާނާ ސްޓޭޓަށް ވަޑައިގެންފައެވެ. މިއާ އެކު ރާހުލް ގާންދީ އަދި ކޮންގްރެސް ޕާޓީއަށް ތާއީދުކުރާ އެތައްހާސް ބަޔަކު ވަނީ ހަރިޔާނާ ސްޓޭޓުގެ ސިޓީއެއް ކަމުގައިވާ ކަރްނާލްގެ މަގުތަކަށް އެއްވެފައެވެ. ރާހުލް ގާންދީ ހަރިޔާނާ ސްޓޭޓަށް ވަޑައިގެންފައި މިވަނީ ސިޔާސީ ގޮތުން މުހިއްމު ސްޓޭޓުތައް ކަމުގައިވާ އުއްތަރްޕްރަދޭޝް އާއި ދިއްލީއަށް ވެސް ވަޑައިގަތުމަށް ފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާހުލް ގާންދީގެ މި ހިނގާލުމުގެ މަގްސަދަކީ އެތަކެއް އަހަރެއް ވަންދެން އިންޑިއާގައި ވެރިކަން ކުރަމުން އައި ކޮންގްރެސް ޕާޓީ އަލުން ކޮޅަށް ޖަހައި އިންތިހާބަކަށް ތައްޔާރު ކުރުމެވެ.

އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން އިންޑިއާ ސަލާމަތް ކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ކޮންގްރެސް ޕާޓީ ސިޔާސީ ގޮތުން ވެއްޓުނީ މިހާރު ވެރިކަން ކުރަމުންދާ ހިންދޫ އަގުލަބިއްޔަތެއް އޮންނަ ބީޖޭޕީ ވުޖޫދަށް އައުމަށް ފަހުގައެވެ.

ރާހޫލް ގާންދީ ލީޑް ކުރައްވާ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވަނީ---

2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން އިންޑިއާގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ކަންޔާކުމާރީ އިން ފެށި މިހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު، އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސްރީނަގަރާ ހިސާބުންނެވެ.

12 ސްޓޭޓު ކަނޑައްތުކޮށް 4000 ކިލޯމީޓަރުގެ ރާސްތާއެއްގެ ދުރުމިނަށް ކުރިއަށް ގެންދާ މި ހިނގާލުމަކީ އެ ޕާޓީ އިން މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތްކަމަށް ރިޕޯޓުތައް ބުނެއެވެ. ގާންދީ އާއިލާގެ ތިން ބޭފުޅަކު މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައި މައި ޕާޓީގެ ހިނގާލުން ފައްޓަވައިދެއްވީ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއެވެ. ހިނގާލުން ފައްޓަވައި ދެއްވަމުން ރާހުލް ގާންދީ ވިދާޅުވި ގޮތުގައި މޯދީގެ ސަރުކާރުން ވަނީ އިދިކޮޅު ޕާޓީތަކުގެ އަޑު ގާނޫނު ހަދާ މަޖިލީހުންނާއި މީޑިއާތަކުން ކަނޑުވާލާފައެވެ.

މީގެ އިތުރުން ވެސް ރާހުލް ގާންދީ ވަނީ އިންޑިއާގައި ހުރި ކަންބޮޑުވާން ޖެހޭ އެހެން މައްސަލަތަކަށް ވެސް އަލި އަޅުވާލައްވާފައެވެ. މީގެ ތެރޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ދަނޑުވެރިންނަށް ހުރި ހުރަސްތަކާއި، ރިކޯޑު އަދަދަކަށް ވަޒީފާނެތް މީހުން އިތުރުވުމާއި އަދި މުސްލިމުންނަށް ދެމުން ގެންދާ ހަމަލާތައް ހިމެނެއެވެ. ރާހުލް އިތުރަށް ވިދާޅުވީ ހިންދޫންނާއި މުސްލިމުންގެ ދޭތެރޭގައި އޮތް ނަފްރަތުގެ ވާހަކަ އަދި އެފަދަ އަމަލުތައް ހިންގަނީ ގައުމުގައި ހިންގާ އެހެން ބޮޑެތި ކަންތައްތަކުން މީހުންގެ ސަމާލުކަން ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވެފައެވެ.

ރާހޫލް ގާންދީ ލީޑް ކުރައްވާ ހިނގާލުމުގައި ގިނަބައެއްގެ ލޯބި އޭނާ ހޯއްދެވި---

ހިނގާލުމަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް!

ނިމިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރާޖަސްތާންގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރާހުލް ވިދާޅުވީ ބޭނުންވަނީ "ނަފްރަތުގެ ބާޒާރެއްގައި ލޯބީގެ ފިހާރައެއް ހުޅުވުމަށް" ކަމަށެވެ. މި ޖުމްލަ އިން ދޭހަވަނީ ހިންދޫންނާއި މުސްލިމުން ސުލްހަ ކުރަން މަސައްކަތް ކުރުން ކަމަށް ބެލެވެއެވެ.

ކޮންގްރެސް ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރާހުލް ގާންދީ އަށް މަގުމައްޗަށް ނިކުމެ ވަޑައިގަތުމަށް މަޖުބޫރުވީ މޯދީގެ ސަރުކާރުގެ ދޯހަޅި އަދި ދެފުށް ދެގޮތް ސިޔާސަތްތަކުގެ ސަބަބުންނެވެ.

ގާންދީ ވިދާޅުވެފައިވާ ގޮތުގައި ގައުމުގެ ހުރިހާ މުއައްސަސާތަކަކީ މޯދީއެވެ. އަދި މީޑިއާ އޮތީ މޯދީގެ އުނގުގައި ކަމަށާއި ރައްޔިތުން ތިބީ ރޮވިފައި ކަމުގައެވެ.

ރާހޫލް ގާންދީ ލީޑް ކުރައްވައި ހިނގާލުމުގައި އޭނާ ދުވެލައްވަނީ---

މަދްޔަޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރު ކަމަލްނާތް އަލްޖަޒީރާ އަށް ބުނި ގޮތުން ރާހުލް ގާންދީގެ ހިނގާލުމަށް ރައްޔިތުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި އޭނާގެ ދިގު ސިޔާސީ ހަޔާތުގައި ރައްޔިތުންގެ ފަރާތުން މިހާބޮޑު ހިތްހަމަޖެހުމަކާއި އުއްމީދީ ކުލަވަރެއް ނުފެންނަ ކަމުގައި ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ކަރްނާލްގެ ދަނޑުވެރިއަކު ވަނީ ރާހުލް ގާންދީގެ މި ހިނގާލުން، އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތުމާ ގާންދީ 1930 ވަނަ އަހަރު ބޭއްވި މަޝްހޫރު ހަރަކާތް، ސޯލްޓް މާޗް އާ އެއްވަރު ކޮށްފައެވެ.

އަދި މި ހިނގާލުމުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުވުން ތަކެއް އަންނާނޭ ކަމަށް އުއްމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ. ހަރްޔާނާ ސްޓޭޓުން މިހިނގާލުމުގައި ބައިވެރިވި ރައްޔިތުން ވެސް ވަނީ އެމީހުންގެ ހުރިހާ ކަންބޮޑުވުންތައް ފާޅުގައި، ޖެހިލުމެއްނެތި ހިއްސާކުރައްވާތީ ރާހުލް ގާންދީ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

2014 ވަނަ އަހަރު މޯދީ ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން އަންނަނީ މުސްލިމުންނާ އިދިކޮޅު އެތައް ގާނޫނެއް ފާސްކުރަމުންނެވެ. އަދި މޯދީގެ ވެރިކަމުގައި ހަރުކަށި ހިންދޫ ޖަމާއަތްތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ހަމަލާތައް ވެސް އަންނަނީ އިތުރު ވަމުންނެވެ.

ރާހޫލް ގާންދީ ލީޑް ކުރައްވާ ހިނގާލުމުގައި ކުރީގެ ގަރުނަރު ބައިވެރި ވަނީ - މޯދީގެ ބީޖޭޕީން ދަނީ ފާޑުކިޔަމުން

ދެއްކުންތެރިކަން؟

ކަރްނާލް ސްޓޭޓުގައި ކުރިޔަށް ދިޔަ ހިނގާލުމުގައި ބައިވެރިވި ރައްޔިތުންގެ އަދަދަށް ބަލާއިރު ރާހުލް ގާންދީގެ މި ހިނގާލުން ވަރަށް ކާމިޔާބު ކަމަށް ފެނެއެވެ. އިންޑިއާ ރައްޔިތުންގެ އެތަކެއް ކަންބޮޑުވުން ތަކެއް ރާހުލް ހާމަކުރައްވަމުން ގެންދަވާއިރު، ވެރިކަން ކުރާ ބީޖޭޕީ އިން ބުނަނީ މިއީ ހަމަ ދެއްކުންތެރި ކަމުގެ ހިނގާލުމެއް ކަމުގައެވެ. އަދި މި ހިނގާލުމުގެ މަގްސަދު އަދި ހިނގާލުންވެސް ވަނީ ފެއިލްވެފައި ކަމުގައެވެ.

އަދި މިއީ ހަމައެކަނި ކޮންގްރެސް ގެ ރޯޑް ޝޯ އެއް ކަމަށާއި މިކަމާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތްކަމުގައާއި، ރާހުލް ގާންދީގެ ބޭނުމަކީ ގާންދީ ދަރިކޮޅު އަލުން ދިރުވުން ކަމުގައިވެސް ބުނެފައިވެއެވެ.

އޭނާ އިތުރަށް ރާހުލް މަސައްކަތް ކުރައްވަނީ އެކި ގޮތްގޮތުން ފެއިލް ވެފައިވާ "ޕްރޮޑަކްޓެއް ރީލޯންޗު" ކުރުމަށް ކަމަށާއި އެކަން ވުމަށް ވުރެ ނުވުން ގާތް ކަމުގައެވެ. މިގޮތަށް ބުނެފައި ވަނީ ފާއިތުވި ދެ އިންތިހާބުގައިވެސް ކޮންގްރެސް އަށް ލިބުނު ނާކާމިޔާބީއާ ގުޅުވާފައި ކަމަށް ބެލެވެއެވެ. އަދި ގައުމުގައި ނަފްރަތު އިތުރުވަމުންދާ ކަމަށް ރާހުލް ވިދާޅުވި ވާހަކާ މެދު ވަނީ ސުވާލު އުފައްދާފައެވެ.

ކޮންގްރެސް ޕާޓީގެ "ބާރަތް ޖޯޅޯ ޔާތްރާ" ހިނގާލުން މިހާރު ޕަންޖާބަށް މިސްރާބު ޖަހާފައިވާ އިރު މި ހިނގާލުމުގައި ރާހުލްގެ ތުނބުޅި ދިގުކޮށްފައި ހުރުމާއި އަދި މިހާ ފިނި މޫސުމެއްގައި ޓީޝާޓެއް ތުރުކުރައްވައިގެން ހިނގާލުމުގައި އުޅުއްވާތީ ސޯޝަލް މީޑިއާގައިވެސް މިވާހަކަ ވަރަށް ގަދަޔަށް އަންނަނީ ދެކެވެމުންނެވެ.